ޚަބަރު

މަގުތައް މަރާމާތުކުރުން މަޑުޖެހިފައި އޮތީ ބޭނުންވާ ސާމާނު ނެތުމުން - މާލޭ ސިޓީ ކައުންސިލް


މާލޭގެ މަގުތައް މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން މަގުތަކެއް ހަލާކުވެ، އެކަމުގެ ސަބަބުން ހިނގާ މީހުންނަށާއި، ދުއްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމުގެ ޝަކުވާއަކީ އަބަދުހެން އާއްމުން ކުރަމުންދާ ޝަކުވާއެކެވެ.

ކުރީގެ ސަރުކާރުގެ ތަފާތު ވުޒާރާތަކުން ކުރަމުންދިޔަ އާއްމު ޚިދުމަތްތަކާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް މިހާރު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުންދާއިރު، ސިޓީ ކައުންސިލުންވެސް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތެވެ. ސަރުކާރު ބަދަލުވެ ސިޓީ ކައުންސިލަށް ބާރުތައް ދިނުމާއެކު މިމަސައްކަތް ހަލުވިކަމާއެކު ފެށިނަމަވެސް މިހާރު މި މަސައްކަތް ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ނިޔާޒް ވިދާޅުވީ، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މަޑުޖެހިފައިވަނީ އެކަމަށް އެކަށީގެންވާވަރަށް ވަސީލަތްތައް ސިޓީ ކައުންސިލުގައި މިވަގުތު ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މަގުތައް މަރާމާތުކުރުމަށް ބޭނުންވާ ގަލާއި، ކާނުތަކާއި، މެޝިނަރީޒް އަދި އިންސާނީ ވަސީލަތް އެ ކައުންސިލުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ނިޔާޒް ވިދާޅުވީ، މިކަމަށް އަވަސް ހައްލެއް ގެނެއުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށާއި، ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ބޮޑެތި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އަލުން ފެށޭނެކަމަށެވެ.

"
"އެމްއާރޑީސީ އުވާލުމަށްފަހު މަގުތަކުގެ ކަންކަން އަޅުގަނޑުމެންނާ ހަވާލުވެގެންދިޔައިރު، އެކުންފުނިން ގެންގުޅުނު ގަލާއި، ކާނުތަކާއި، އެތަކެތި އުފެއްދުމަށް ބޭނުންކުރާ މެޝިނަރީޒްތަކެއް އަދި އަޅުގަނޑުމެންގެ އަތަކުނެތް. އެ ސާމާނުތައް ހޯދުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކާއެކު މިދަނީ ކުރަމުން. މިކަން ކުރުމަށް ބޭނުންވާ ވެހިކަލާއި މުވައްޒަފުންގެ ދަތިކަންވެސް އެބައޮތް. އެހެންވީމަ ކުދިކުދި ދަތިތައް އެބަހުރި، އެހެންނަމަވެސް މަގުތައް މަރާމާތުކުރުމަށްޓަކާ ބޭނުންވާ ޑިޒައިނިންނާއި ޕްލޭންތައް ހަދަ އެކަން އަލުން ފަށައިގަތުމަށް މިދަނީ ތައްޔާރުވަމުން."
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

މާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ އިތުރުން، މަގުތަކުން ފޮހެވިފައިވާ ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތްވެސް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޙުސެއިން ޝަރީފު ވިދާޅުވީ، ޓްރެފިކް ނިޝާންތައް އައު ކުރުމުގައިވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ސްކޫލްތަކާއި، އާއްމުން ގިނައިން ޚިދުމަތް ހޯދުމަށްދާ މުއައްސަސާތައް ހިމެނޭ ސަރަޙައްދުތަކަށް ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ދަވާދު ނެތުމުގެ ސަބަބުން އެ މަސައްކަތްވެސް މިހާރު މަޑުޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ޓްރެފިކް ނިޝާން އައު ކުރުމަށް ބޭނުންވާ ދަވާދު ލިބުނުހާ އަވަހަކަށް އެ މަސައްކަތްވެސް އަލުން ފެށިގެންދާނެކަމަށެވެ.

"އަޅުގަނޑުމެން މި ބޭނުންކުރަނީ ރޯޑްމާރކިންގ ޕެއިންޓް. މިއީ އާއްމުކޮށް ގަންނަންލިބޭ ވައްތަރުގެ ދަވާދެއްނޫން. އެސްޓީއޯއިންވެސް މިފަދަ ޕެއިންޓުގެ ސްޓޮކް މި ގެންނަނީ ވަކި އަދަދަކަށް. މިވަގުތު އަޅުގަނޑުމެންގެ އަތުގައިވެސް އޭގެ ދަވާދު ވަރަށް މަދު. އެހެންވީމަ އެސްޓީއޯއިން އޭގެ އާ ސްޓޮކެއް ގެނައިހާ އަވަހަކަށް ޓްރެފިކް ނިޝާންތައް އާ ކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ފެށިގެންދާނެ." - ޙުސެއިން ޝަރީފު - މާލޭ ސިޓީ ކައުންސިލުގެ މެމްބަރު

މާލޭގެ މަގުތަކަކީ އެންމެނަށްވެސް ރައްކާތެރި އަމާން މަގުތަކަކަށް ހެދުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާކަންވެސް އެފަރާތުން ފާހަގަކުރެއެވެ. އެގޮތުން މަގުމަތީގެ އަދަބުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް އިޙްތިރާމްކޮށް، އެއާއި އެއްގޮތަށް ޢަމަލުކުރުމަށާއި، މަގުމައްޗަށް ކުނި ނޭޅުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ.