ޚަބަރު

ވެޓެރިނަރީ ސަރވިސްއާއެކު ޖަނަވާރު ގެންގުޅޭ މީހުންނަށް ބޮޑު ހިތްހަމަޖެހުމެއް!


ޕެޓްގެ ގޮތުގައި އެކި ވައްތަރުގެ ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމުކަމެކެވެ. ބުޅަލުގެ އެކި ވައްތަރުތަކާއި، ދޫނީގެ އެކި ވައްތަރުތައް ޕެޓުންގެ ގޮތުގައި ގެންގުޅޭ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެތަކެއްޗަށް ކެއުމަށް ބޭނުންވާ އެކި ކަހަލަ އުފެއްދުންތަކާއި، އެހެނިހެން ސާމާނު ވިއްކަން ހުންނަ ފިހާރަތައްވެސް މިހާރު މާލޭގައި މަދެއްނޫނެވެ. އަދި އޮންލައިންކޮށް މިފަދަ ސާމާނު ވިއްކާ ފަރާތްތައްވެސް ދުވަހުން ދުވަހަށް އަންނަނީ އިތުވަމުންނެވެ. ނަމަވެސް މިގޮތަށް ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ރާއްޖޭގައި ލިބެން ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ދިޔައީ ކުރަމުންނެވެ.

މިފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިލިމާލޭގައި ވެޓެރިނަރީ ސަރވިސަސްގެ ނަމުގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައި މިދިޔަމަހު ޚިދުމަތްދޭން ފަށާފައިވާއިރު، މިއީ ރާއްޖޭގައި ހުޅުވި ޖަނަވާރުންނަށް ފަރުވާދޭ ފުރަތަމަ ކްލިނިކެވެ. މީގެ ކުރިން އެ މިނިސްޓްރީން މި ޚިދުމަތްދެމުން ދިޔައީ މޯބައިލް ވެޓެރިނަރީ ސަރވިސްގެ ނަމުގައި، ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސްގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިލިމާލެ ވެޓެރިނަރީ ސަރވިސްގެ ޑރ. އަނޫޝާ ހެމަތީ ވިދާޅުވީ، ހޮބީއެއްގެ ގޮތުގައި ގިނަ މީހުން ޖަނަވާރު ގެންގުޅުނު ނަމަވެސް އެތަކެއްޗަށް ބޭނުންވާ އަޅާލުމާއި، ޞިއްޙީ ގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމާގުޅޭ ސައްޙަ މަޢުލޫމާތު ގިނަ މީހުންނަށް ރަނގަޅަށް ނޭންގޭކަމަށެވެ. އެހެންކަމުން އެތަކެތި ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަން ޚިދުމަތް ހޯދަން އަންނަ މީހުންނަށް ކިޔައިދެމުންދާކަމަށް ޑރ. އަނޫޝާ ވިދާޅުވިއެވެ.

"
"ބައެއް ޕެޓް އޯނަރުންގެ ކިބައިން ފާހަގަވި، އެކަން ކުރަންވާގޮތުގެ ތެދު މަޢުލޫމާތު ލިބިފައިނެތްކަން. ޚާއްޞަކޮށް ޖަނަވާރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރަންވީ އެންމެ ރަނގަޅު ގޮތް ނޭނގޭކަން. މިސާލަކަށް ބުޅަލެއްނަމަ، ވެކްސިން ޖަހަންވާނެ އުފަންވާތާ 6 ހަފްތާ ފަހުން، އެއަށް ފަހު އެއް މަހުން، ތިން މަހުން އަދި ދެން މި އަންނަނީ ކޮންމެ އަހަރަކު ދޭންޖެހޭ ވެކްސިން."
ޑރ. އަނޫޝާ ހެމަތީ ވިދާޅުވިއެވެ.

ވިލިމާލެ ވެޓެރިނަރީ ސަރވިސަސްއިން ލިބެން ހުންނަ ޚިދުމަތްތަކަށް ބަލާއިރު، ރޫޓީން ޗެކްއަޕް ހެއްދުމާއި، ވެކްސިން ޖެހުމާއި، އެމަރޖެންސީ ކެއަރގެ ޚިދުމަތް ހިމެނެއެވެ. އަދި ޖަނަވާރުންގެ ގައިގައި މައިކްރޯ ޗިޕް ހަރުކުރުމާއި، އެކި ކަހަލަ ސަރޖަރީތައް ކުރުމުގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ.

"ސަރޖަރީއެއް ހަދާނަމަ ފޯމް ފުރާފަ އަޅުގަނޑުމެންގެ މިނިސްޓްރީގެ ރިސެޕްޝަނަށް ހަވާލުކޮށްލަން މިޖެހެނީ. އެހެނިހެން ކަންކަމަށް ފޯނުން ގުޅައިގެން އެޕޮއިންމަންޓް ހެއްދުމާއި، މިތަނަށް އައިސްވެސް ކިއު ނަންބަރު ހުރިވަރަކުން ޚިދުމަތްލިބޭނެ. ފީތައް މި އިންނަނީ 50 އާއި 100 ރުފިޔާއާއި ދެމެދުގެ ރޭންޖެއްގައި. އެގޮތުން ޖެނެރަލް ރޫޓިން އަދި އެމެޖެންސީ ކެއަރ މި އިންނަނީ 50 ރުފިޔާއަށް. ދެން ވެކްސިން ޖެހުމާއި، މައިކްރޯ ޗިޕް ހަރުކުރުން އަދި ސަރޖަރީތަކަށް މި ޗާޖުކުރަނީ 100 ރުފިޔާ." -އައިޝަތު އަޒްލާ،
ވެޓެރިނަރީ އެސިސްޓެންޓް

ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ބޭނުންވާ ޕްރޮފެޝަނަލް ކެއަރ، ވެޓެރިނަރީ ސަރވިސްއިން ފޯރުކޮށްދެމުންދާއިރު، އެތަނަށް އޮންނަ ޑިމާންޑު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި މި ޚިދުމަތް މިހާރަށްވުރެވެސް ފުޅާކުރުމަކީ އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން އެދޭކަމެކެވެ.