ވިޔަފާރި

ސުވިޓްޒަލޭންޑުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެ އިސްތިހާރުކޮށްފި


ސުވިޓްޒަލޭންޑުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، ފެސްޕޯގައި ރާއްޖޭގެ އިޝްތިހާރުކުރަމުން އެބަދެއެވެ.

ޖެނުއަރީމަހުގެ 31 ވަނަ ދުވަހުން ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިފެއަރގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 7 ފަރާތަކުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެސްޕޯއަކީ ބައިނަލްއަޤްވަމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވާ އަދި ޒިޔާރަތްކުރާ ފެއަރއެކެވެ. މިގޮތުން މިފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތައް ދޭ ފަރާތްތަކާއި، ދާއިރާއާ ގުޅުންހުރި އެކި އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިވެރިވާނެއެވެ. މިދިޔަ އަހަރު އެކަނިވެސް ފެސްޕޯ ފެއަރއަށް ފަސްދޮޅަސް ތިން ހާސް ފަރާތަކުން ޒިޔާރަތްކުރިއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި ރާއްޖޭގެ ސަޤާފަތާއި ގުޅުން ހުރި އެކިތަކެތި ހިމެނޭ ގިފްޓް ބޭގްވެސް މިތަނަށް އަންނަ ފަރާތްތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ސުވިޓްޒަލޭންޑަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިދިޔަ އަހަރު އެކަނިވެސް ސުއިޒަލޭންޑުން ރާއްޖެއަށް ތިރީސް ދެހާސް ނުވަސަތޭކަ އައްޑިހަ ހަތަރު ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ފަހުގެ ވިޒިޓާ ސާވޭ ދައްކާގޮތުން ސުވިޓްޒަލޭނުންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެ އިހުތިޔާރުކުރަނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަމާއި، މަޑުމައިތިރި މާހައުލެއްގައި އަރާމު ކޮށްލުމަށް އެފަރާތްތަކުން އެންމެ އެކަށީގެންވާ މަންޒިލުކަމުގައި ޤަބޫލުކުރުވޭތީއެވެ.

އެމްއެމްޕީއާރުސީއިން ބުނީ ފެސްޕޯގައި ބައިވެރިވުމުގެ ސަބަބުން އެޤައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، ސުވިޓްޒަލޭންޑުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެކަމަށެވެ.