ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ތާޢީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.
މަޖިލިސް ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމާއި ގުޅޭގޮތުން، އެސެސްމަންޓެއް ހެދުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ކޮމަންވެލްތް ވަފުދުގެ ބޭފުޅުންނާއި އެކު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކޮމަންވެލްތުގެ ވަފުދަށް މަރުޚަބާ ވިދާޅުވެ، ކޮމަންވެލްތުގެ މެންބަރަކަށް ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަހާކަ ދައްކަވާފައެވެ. 53 މެންބަރު ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހީތަކާއި އެއްބާރުލުން ފާހަގަކުރައްވައި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ތަރައްޤީގައި ކޮމަންވެލްތުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ކޮމަންވެލްތް ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި، އަލްބަރޓް މެރީނާ ވަނީ ރާއްޖެއަށް ކުރައްވާ ދަތުރުގައި އެވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު މަޖިލިސް ރައީސްއާ ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ކޮމަންވެލްތުގެ ވަފްދުން ވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ.
ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ކޮމަންވެލްތުގެ ޚާއްސަ ޓީމުން ކުރާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ސިޔާސީ އިސްފަރާތްތަކުގެ އިތުރުން ރާއްޖޭގެ މީޑިއާގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުން ރިވިއުކުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ކޮމަންވެލްތްގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނަވާފައިވާ ވަޢުދުފުޅެކެވެ.