ޚަބަރު

ޢިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދު އެކުލަވާލައިފި


ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާ، ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދެއް އެކުލަވާލައިފިއެވެ.

މި ޤަވާއިދުގައި ކޮންޓްރެކްޓަރު ނުވަތަ ޢިމާރާތް ކުރާ ފަރާތުގެ އާންމު ޒިންމާތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޮންޓްރެކްޓަރާ ހަވާލުވެފައިވާ މަސައްކަތަކީ، އެއްމިލިއަން ފަސްސަތޭކަހާސް ރުފިޔާއަށްވުރެ ބޮޑު އަގެއްގެ މަސައްކަތެއްނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ އެފަރާތުގެ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙަތު ރައްކާތެރިކުރާނެ "ސޭފްޓީ އެންޑް ހެލްތު" ނުވަތަ ސަލާމަތީ ކަންކަމާއި ޞިއްޙީ ކަންކަމާ ގުޅޭ މަޢުލޫމާތު ކަރުދާހެއް ނުވަތަ އަތްމަތީ ފޮތެއް އެކުލަވައިލަންޖެހެއެވެ. އަދި އެކަރުދާހުގައިވާ ގޮތަށް މުވައްޒަފުންނަށް ތަމްރީނުދީ، އެ ކަރުދާހުގައިވާ ކަންކަން ތަންފީޛުކުކުރަންޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

ޢިމާރާތްކުރުމުގެ މަސައްކަތުގައި ގެންގުޅޭ ތަކެތި ބޭނުންކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަންކުރުމުގައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

ޤަވާއިދުގައި ބުނެފައިވަނީ ޢިމާރާތެއް ތަޅާލުމުގެ މަސައްކަތެއް ކުރުމުގެ ސަބަބުން، ޢިމާރާތުގެ ކައިރިން މަގުން ހިނގާ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި، އެ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއް ނޫންކަން އެންގުމަށްޓަކައި ނުރައްކާތެރިކަން އަންގައިދޭ ޓޭޕަކުން އެ ސަރަހައްދު ބަންދުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި މީހުން ހިނގާބިނގާވެ އުޅުމަކީ ރައްކާތެރިކަމެއް ނޫންކަން، އަނގަބަހުންނާއި އިޝާރާތުން ބަޔާންކޮށްދޭން އެނގޭ މީހަކު ބަހައްޓަންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

އިމާރާތް ކުރުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލާފައިވާ މިވަނީ މިދިޔަ ޑިސެމްބަރު މަހު، މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވެފައި ވަނިކޮށް. އެ ހާދިސާއަށް ފަހު، އިމާރާތްކުރުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ވަކީލުންތަކެއް ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 13 ގަވާއިދެއް ހަދަން ދައުލަތަށް އަމުރުކޮށްފައިވޭ.