ޚަބަރު

އައްޑޫސިޓީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


އައްޑޫ ސިޓީގައި ޢިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާ އައްޑޫސިޓީ ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުވަބަލް އެނާޖީ، މަޝްރޫއުގެ ދަށުން އައްޑޫސިޓީ ކައުންސިލާއި ބޭއްވި ބައްދަލުވުމުގައި އައްޑޫގައި ސޯލާ ޕެނެލް ހަރުކުރުމަށް ގުޅޭ ދިރާސާތައްކޮށް ސޯލާ ޕެނަލް ހަރުކުރުމަށް އެންމެ އެކަށީގެންވާ ތަންތަން ހޯދުމަށް ސިޓީ ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީންވަނީ މަޝްވަރާކޮށްފައެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރަށް ހުޅުމީދޫގައިވެސް ސޯލާ ޕެނަލް ހަރުކޮށް އިޔާދަކުރަނިވި ހަކަތަ ގާއިމްކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރަށް ހުޅުމީދޫގައި ސޯލާ ޕެނަލް ހަރުކުރުމަށް ޖުމްލަ 20 ތަނެއްގެ ނަން އެންވަޔަރަންޓް މިނިސްޓްރީއަށް ކައުންސިލުން ވަނީ ޙިއްސާކޮށްފައެވެ. ސިޓީ ކައުންސިލުން ހުށަހެޅި ލިސްޓުގައި ހިމެނޭ ބައެއް ތަންތަނުގެ ތެރެއިން ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދާއި، ހުޅުދޫ ސްޕޯޓްސް އަރީނާއާ، މީދޫ ޝަމްސުއްދީން ސްކޫލް ސަރަހައްދު އަދި ސިޓީ ކައުންސިލް ސަރަހައްދު ހިމެނެއެވެ. ސޯލާ ޕެނަލް ހަރުކުރުމަށް މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބައެއްތަންތަނުގެ ނަން ލިސްޓްކޮށް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ކައުންސިލުން މައުލޫމާތް ދެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ކާބަން މަދު ޤައުމަކަށް ރާއްޖެ ހެދުމުގެ ސިޔާސަތަށް ވާސިލްވުމަށްޓަކައި ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ.