ޚަބަރު

ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ބައިވެރިންގެ ބައްދަލުވުމެއް ލ. އަަތޮޅުގައި ބާއްވައިފި


މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅޭ ސްޓޭކް ހޯލްޑަރުންގެ މަސައްކަތު ބައްދަލުވުމެއް ލ. ގަމުގައި ކުރިއަށް ގެންގޮސްފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ ވޯރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބޭއްވި ބައްވަދުލުވުމެކެވެ. ލ. ގަމު ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި އަންނަންއޮތް ޖީލުތަކަށް ވާސިލުކޮށްދެވޭނީ ކުނި މެނޭޖްކުރާނެ މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމުކުކޮށްގެންކަމަށެވެ.

މި ބައްދަލުވުމަކީ، 2017 އިން 2023 ގެ ނިޔަލަށް ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން ޒޯން 4 އަދި 5 އަށް އަމާޒުކޮށްގެން ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވަނީ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއި ކުނި މެނޭޖްކުރުމާ ބެހޭ ޤަވާއިދު ބައިވެރިންނަށް ކިޔާދީފައެވެ. މީގެ އިތުރުން އިންޓެގްރޭޓެޑް ވޭސްޓް މެނޭޖްމަންޓް ފަދަ މުހިއްމު މަޢޫލޫމާތުތައް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެއަތޮޅުތަކުގެ ރިސޯޓްތަކުން ވަނީ ބައިވެރިވެފައެވެ.