ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް ބުރުގެ ކިޔެވުން އަންނަމަހު ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ ސެމީފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަމަހުގެ 14 އިން 17 އަށެވެ. މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އަންނަމަހު 16 އިން 17 އަށެވެ.
ޤައުމީ ފެންވަރުގައި ބާއްވާ މި މުބާރާތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައިވެރިން ވާދަކުރާ އަދި ދިވެހިންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން އިސްކަންދީގެން ބާއްވަމުން އަންނަ ވަރަށް މުހިންމު މުބާރާތެކެވެ.
މި މުބާރާތުގެ ސެމީފައިނަލް ބުރަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން %80 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ، ސެމީފައިނަލުގެ ކޮންމެ ކެޓަގަރީއަކުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
ކީީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފައިވާ ބައިވެރިން ކިޔަވާ ތަރުތީބު ލިސްޓު މިހާރު ޕޯޓަލްގައި އާންމު ކޮށްފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މައުލޫމާތުދެއްވައެވެ.
މުބާރާތުގެ ފައިނަލް ބުރު އަދި ސެމީ ފައިނަލް ބުރު ކުރިއަށް ގެންދާނީ، މާލޭގައި ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގެ 4 ވަނަ ފަންގިފިލާއާއި 5 ވަނަ ފަންގިފިލާގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ.
ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި، ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އަންނަ ފަރާތްތައް ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ، ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށްށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލުކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.