އޭޑީކޭ ހޮސްޕިޓަލުގެ ބްލަޑް ބޭންކްގެ ގައިޑްލައިން އެކުލަވާލައި ޢާއްމުކޮށްފިއެވެ. އޭޑީކޭ ހޮސްޕިޓަލުން އަލަށް އެކުލަވާލި މި ގައިޑްލައިނަކީ ލޭ ހަދިޔާކުރުމާއި، ލޭ އެޅުމުގައި، އަދި ލޭ ރައްކާތެރިކަމާއެކު ގެންގުޅުމުގައި ޢަމަލުކުރާނެގޮތްތައް ބަޔާންކޮށްދޭ ގައިޑްލައިނެކެވެ.
އޭޑީކޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ބްލަޑް ބޭންކްގެ ގައިޑްލައިން ނެރެދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާހު ޢަބްދުﷲ މާހިރެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ޢަބްދުﷲ މާހިރު ވިދާޅުވީ އޭޑީކޭގައި އަލަށް އެކުލަވާލި ގައިޑްލައިންގެ ސަބަބުން މުޅި މުޖުތަމައަށް ފައިދާ ކުރާނެކަމަށެވެ. އެގޮތުން މި ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަމަކީ ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ލޭ ހަދިޔާކުރާ ފަރާތްތައް އިތުރުވެގެންދާނެކަމަށް ކަންތައްތަކަކަށް ވާނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ މި ގައިޑްލައިން އެކުލަވާލުމުގެ އެންމެ ބޮޑު މަޤުޞަދަކީ ބަލިމީހާ ގަޔަށް އަޅާ ލެޔަކީ ރައްކާތެރި ލެޔެއްކަން އިތުރަށް ކަށަވަރުކޮށްދިނުން ކަމަށެވެ. އައްފާލް ވިދާޅުވީ މި ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔައިރު މިފަދަ ރަނގަޅު ގައިޑްލައިނަކަށް ރާއްޖޭގައި ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާމަށާއި، އޭޑީކޭއިން އެކުލަވާލި ބްލަޑް ބޭންކުގެ ގައިޑްލައިން ރާއްޖޭގެގެ ހުރިހާ ބްލަޑް ބޭންކަކަށް ހުޅުވާލާފައިވާކަމަށެވެ.
އޭޑީކޭގައި ބްލަޑް ބޭންކް ޤާއިމުކޮށްފައިވަނީ މީގެ 4 އަހަރުކުރިންނެވެ. އަދި ފާއިތުވި 4 އަހަރުތެރޭގައި ލޭ އަޅަން ޖެހޭ މީހުންނާއި ލޭ ހަދިޔާ ކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ މިޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭޑީކޭއިން ބުނެއެވެ. މިމަސައްކަތުގެ ދަށުން އެކުލަވާލި މި ގައިޑްލައިން އެކުލަވާލުމުގައި ދުނިޔޭގެ ބޮޑެތި ބްލަޑް ބޭންކްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ގައިޑްލައިންތައް ދިރާސާކޮށް މިދާއިރާގައި ރާއްޖޭގައި ތިބި ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.