ކުޅިވަރު

ކުޅޭނެ ކުލަބެއް ވަރަށް އަވަހަށް ނިންމާނަން - ހަމްޒާ


ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ ކުލަބެއް ވަރަށް އަވަހަށް ނިންމާނެކަމަށް ނިއުގެ ހަމްޒާ މުހައްމަދު ބުނެފިއެވެ.

މިދިޔަ ހަ އަހަރު ނިއު އަށް ކުޅުނު އޭދަފުށީގެ އިތުބާރު މިޑްފީލްޑަރަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް އެޓޭކިން މިޑްފީލްޑަރެވެ.
އޭނާ ކުލަބު ދޫކޮސްދިޔަ ނުދިނުމަށް ނިއު މަސައްކަތް ކުރާއިރު މާޒިޔާ އާއި ޓީސީން ވަނީ ހަމްޒާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ހަމްޒާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ތިން ކުލަބެއްގެ ހުށަހެޅުން އޮތުމުން ގޮތެއް ނިންމަން އުނދަގޫވެފައިވާ ކަމަށް. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އޭނާ ކުޅެންވީ ޓީސީތޯ މާޒިޔާ އަށްތޯ، ނޫނީ ނިއުގައި މަޑުކުރަންވީތޯ އޭނާގެ ސަޕޯޓަރުންގެ ކިބައިން އަހާފައެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް ހަމްޕު ކުލަބު ބަދަލުކުރާ ވާހަކަ މިދެއްކީ އޭނާ އަށް ވެސް މުސާރަ ނުދޭތީވެ ކޮންޓްރެކްޓް ބާތިލް ކުރަން އެފްއޭއެމަށް ސިޓީ ފޮނުވާފައިވަނިކޮށެވެ.
ނިއުއިން މުސާރަ ނުދޭތީވެ އެކުލަބުގެ ދިވެހި 10 ކުޅުންތެރިއަކާއި ބިދޭސީ ހަ ކުޅުންތެރިއަކާއި ކޯޗަކު ވަނީ އެފްއޭއެމަށް މައްސަލަ ހުށަޅައިފައެވެ.

ދިވެހި ކުޅުންތެރިންނަށް އެކަނި ވެސް 3.8 މިލިއަން ރުފިޔާ ދައްކަންޖޭތީވެ މި ފައިސާ ދައްކާ ނިމެންދެން ނިއުވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ.