ޚަބަރު

އައްޑޫގެ ސްކޫލްތަކުގައި ކަރިކިއުލަމް ފޯރަމްތަކެއް ބާއްވައިފި


މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އައްޑޫގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް ކަރިކިއުލަމް ފޯރަމްތަކެއް ބާއްވައިފިއެވެ.

އައްޑޫގެ 3 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމްތަކުގައި އައްޑޫގެ ސްކޫލްތަކުގެ 143 ބެލެނިވެރިންނާއި 208 މުދައްރިސުން އަދި 86 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފޯރަމްތަކުގައި އެންއައިއީއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ ޑރ. ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މި ކަރިކިއުލަމް ފޯރަމް ތަކުގެ މައިގަނޑު ބޭނުމަކީ އަންނަ ފެބްރުއަރީ މަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަރިކިއުލަމް ސިމްޕޯޒިއަމަށް މައުލޫމާތު އެއްކުރުން ކަމަށެވެ. އަދި ފެބްރުއަރީ މަހުގައި މާލޭގައި ބާއްވާ ކައިރިއުލަމް ސިމްޕޯސިއަމަކީ މިހާރު އަމަލު ކުރަމުންދާ ކަރިކިއުލަމް ރިވިއުކުރުމަށް ބާއްވާ ސިމްޕޯޒައަމެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ސިމްޕޯސިއަމްގެ މައިގަނޑު ބޭނުމަކީ އައު ކަރިކިއުލަމް ތަންފީޒުކުރަމުންދަނީ އެންމެ ރަނގަޅަށްތޯ ބެލުންކަމަށާއި މި ސިމްޕޯސިއަމްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ތައުލީމީ ދާއިރާގެ މީހުން ބައިވެރިވާނެކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސިމްޕޯޒިއަމްގެ ކުރިން ރާއްޖޭގެ 3 ސަރަހައްދެއްގައި ކަރިކިއުލަމް ފޯރަމްތަކެއް ބާއްވަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ ފުރަތަމަ ފޯރަމް އައްޑޫގައި ވަނީ ބާއްވާފައެވެެ.

ކަރިކިއުލަމް ސިމްޕޯސިއަމެއް ބޭއްވުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.