ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުގެ ކުރިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 8 އިންސައްތައަށް އިތުރުކުރުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް މަދުކުރުމަށް ގައިޑްލައިނެއް އެކުލަވާލުމަށް، ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތަކީ 4 އިންސައްތައެވެ. އިމާރާތްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެކުލަވާލުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝަންސީ ގައިޑްލައިނަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު ނިސްބަތް މަދުކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މާއްދާތައް މަދުކޮށް، އިމާރާތްތަކަކީ ތިމާވެއްޓާ ރައްޓެހި ތަންތަނަށް ހެދުމަށް ހަދާ ގައިޑްލައިނެކެވެ. އަލަށް އެކުލަވާލާ މި ގައިޑްލައިންގެ ސަބަބުން އިމާރާތްތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުވާގޮތަށް ފަރުމާ ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެނަރޖީ އެފިޝަންސީ ގައިޑްލައިން އެކުލަވާލުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މި ގައިޑްލައިނާއެކު އެނަރޖީ އެފިޝަންސީއާއި ގުޅުންހުރި ކަންކަމަށް މަލީ އިދާރާތަކުން އެހީ ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫޢުތައް މިއަހަރު ކުރިއަށްގެންދާނެކަމަށެވެ.
"އިތުރު ސޯލާ ޕްރޮޖެކްޓްސް ހިންގާނަން. ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތައިގެ މިންވަރަކީ 4 އިންސައްތަ. މިއަދަދު މިއަހަރު 8 ނުވަތަ 10 އިންސައްތައަށް އިތުރުކުރާނަން." މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
މި ގައިޑްލައިން އެކުލަވާލުމަށް ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏެއްކަމަށްވާ ޕްރައިސް ވޯޓަރ ހައުސް ކޫޕަރސް ކިޔާ ކުންފުންޏަކާއެވެ. މި ގައިޑްލައިގެ ސަބަބުން ކަރަންޓުގެ އަގު ހެޔޮކުރުމަށްވެސް މަގުފަހިވާނެކަމަށާއި، މި ގައިޑްލައިން ތައްޔާރުކުރުމުގައި ރާއްޖޭގައި މިހާރު ހުރި އިމާރާތްތަކުގެ ސަރވޭއެއް ހަދައި އެ އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ މަދުކުރެވިދާނެ މިންވަރު ދެނެގަތުމާއި، އެފަދަ އިމާރާތްތަކަށް ބައެއްކަހަލަ ބަދަލުގެނެސްގެން އިމާރާތުގައި ބޭނުންކުރާ ހަކަތަ މަދުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހަމަޖެހިފައިވެއެވެ. މި ގައިޑްލައިންގެ މަސައްކަތް 11 މަސްދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.