ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލުމުގެ ޑޯރ ޓު ޑޯރ ކެމްޕެއިނެއް ފަށަނީ


ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކުނި ނައްތާލުމުގެ ޑޯރ ޓު ޑޯރ ކެމްޕެއިނެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެންވާރަމެންޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީއިން ވިދާޅުވި މި ކެމްޕެއިނުގެ ދަށުން ރަށްރަށުގެ މުޢައްސަސާތައްވެސް ކުންޏަށް ހޭލުންތެރިކުރާނެކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތައް 7 ޒޯނަކަށް ބަހާލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރުޢެއް ފަށައި، އެ މަޝްރުޢޫގެ މަސައްކަތްތައް މިހާރުވެސް އެންވާރަމެންޓް މިނިސްޓްްރީއިން ގެންދަނީ ކުރަމުންނެވެ. އެންވަރަމެންޓް މިނިސްޓްރީއިން ވިދާޅުވީ މި މަޝްރޫޢު އެކަށީގެންވާ ގޮތެއްގައި ހިންގޭނީ ވަކިވަކި ރަށްރަށުގައި ދިރިއުޅޭ ފަރުދުންނާއި، ރަށްރަށުގެ މުއައްސަސާތައް މި މަޝްރޫޢުއަށް ހޭލުންތެރިކޮށްގެންކަމަށެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުޠަޟާ ވިދާޅުވީ ފަރުދީ ފެންވަރުގައި ކުންޏާއި މެދު އާންމުންގެ ހޭލުންތެރިކަން ވީހާވެސް ބޮޑަށް އިތުރުކުރުމަށް "ވޭސްޓް މެނޭޖްމަންޓް ކެމްޕެއިން"އެއް ހިންގުމަށް މިނިސްޓްރީއިން ތައްޔާރުވަމުންދާކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް މަސައްކަތް ކުރަމުންދާ މި ކޭމްޕް ކުރިއަށްގެންދާނެގޮތުގެ ޕްލޭނެއް އެކުލަވާލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ރަށްރަށުގައި އުފދޭ ކުނީގެ މިންވަރު ދެެނެގަތުމަށް ސަރވޭތަކެއް ފަށާފައިވާކަމަށެވެ.

މުރުޠަޟާ ވިދާޅުވީ މި ކެމްޕެއިނަކީ ހަމައެކަނި ވޯކްޝޮޕް ތަކެއް ބާއްވައި މީހުން ހޭލުންތެރިކުރުމުގެ ބަދަލުގައި، ގޭގެއަށް ގޮސް ކުންޏާގުޅޭ މަޢުލޫމާދީ، ކުނީގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ މިންވަރާއި، އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޑޯރ ޓު ޑޯރ ކެމްޕެއިނެއްކަމަށެވެ. މި ކެމްޕެއިނުގައި ސްކޫލްތަކާއި، ކައުންސިލްތަކާއި، ދަނޑުވެރިންނަށްވެސް ވަކި ވަކި ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެތިންމަސްތެރޭގައި ވޭސްޓް މެނޭޖްމަންޓް ކެމްޕެއިން ފަށަން މަސައްކަތް މިކުރަނީ..ޑޯ ޓު ޑޯ ކޭމްޕާއި، ކުނި މެނޭޖުކުރަން ކައުންސިލްތަކަށް ތަމްރީން ދިނުމާއި، ދަނޑުވެރިންނަށް ޚާއްސަ ޕްރޮގްރާމް ކުރިއަށްގެންދާނަން. ޖުމްލަކޮށް ރަށެއްގައި ކުންޏާއި ގުޅޭގޮތުން ހުރި ހުރިހާ ކަމަކަށް ރިއާޔަތް ކުރާނަން." މުރުޠަޟާ ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތައް 7 ޒޯނަށް ބަހާލައިގެން ކުރިއަށްގެންދާ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުތައް މިހާރު 5 ޒޯނެއްގައި ފަށާފައިވާއިރު އެކި މަޝްރޫޢުތައް މިހާރު ހުރީ އެކި މަރްޙަލާތަކުގައެވެ. އެގޮތުން ޒޯން 2ގައި ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމު ޤާއިމުކޮށްފައިވާއިރު، މ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ އަތޮޅުތައް ހިމެނޭ ޒޯން 4، 5ގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި ހުވަދު އަތޮޅާއި އައްޑޫ ސިޓީ ހިމެނޭ ޒޯން 6، 7 ގައި ޒަމާނީ ކުނި އަންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.