ޚަބަރު

ހުޅުމާލޭގައި އަލަށް ހަދާ މާރުކޭޓް ރޯދައިގެ ކުރިން ހުޅުވަނީ


ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ މާރުކޭޓާއި ފުޑްކޯޓުގެ ޚިދުމަތް ރަމަޟާންމަހުގެ ކުރިން ފަށާނެކަމަށް އެޗްޑީސީން ބުނެފިއެވެ. އަލަށް ހަދާ ފުޑްކޯޓާއި މާރުކޭޓު ހުންނާނީ އެއް ޢިމާރާތެއްގައެވެ.

ހުޅުމާލޭގައި ހަދާ ދެވަނަ ލޯކަލް މާރުކޭޓް ހުންނަނީ ހުޅުމާލޭ އެމްޓީސީސީ ފެރީ ޓަރމިނަލް ކައިރީގައެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިލޯކަލް މާރުކޭޓުގައި ޖުމްލަ 62 ސްޓޯލް ހުރެއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މާރުކޭޓު ފަރުމާކޮށްފައިވަނީ ތަކެތި ވިއްކާ ފަރާތްތަކާއި ގަންނަ ފަރާއްތަކަށްވެސް ފަސޭހަކަމާއެކު މާރުކޭޓު ބޭނުންކުރެވޭގޮތަށް ޖާގަ ތަނަވަސްކޮށެވެ. މާރުކޭޓު ފަރުމާކޮށްފައިވަނީ، ހުރިހާ ފަރާތަކުންވެސް އެތެރެއަށް ވަދެވޭގޮތަށެވެ.

މާރުކޭޓުގެ 62 ސްޓޯލްގެތެރެއިން 20 ސްޓޯލް ޚާއްޞަކޮށްފައިވަނީ މަހުގެ ބާވަތްތައް ވިއްކުމަށްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. މީގެއިތުރުން މިޢިމާރާތުގެ މޫދާވީ ފަޅި ތަރައްޤީކޮށްފައިވަނީ ފުޑް ކޯޓެއްގެ ގޮތުގައެވެ. މި ފުޑް ކޯޓުގެ ސްޓޯލްތަކުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ ސްޓޯލްތައް ކުއްޔަށް ދޫކުރުމަށްކަމަށްކަމަށް އެޗްޑީސީން ބުނެއެވެ. ފުޑް ކޯޓުގައި 8 ފުޑް ސްޓޯލް ހިމެނެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މާރުކޭޓާއި ފުޑް ސްޓޯލްތަކުގެ މަސައްކަތުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޢިމާރާތުގެ މަސައްކަތްތައް މުޅިންހެން ނިމިފައިވާއިރު، މިހާރު ތައްޔާރުވަމުންދަނީ ސްޓޯލްތައް ކުއްޔަށް ދޫކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ކޮންޓެކްޓަރުއަތުން ތަން ނަގާނީ ކުއްޔަށް ދީފައި. އެހެންނޫނީ ތަން ބެލެހެއްޓުމަށް ވަރަށް އުނދަގޫވާނެ. ރޯދައިގެ ކުރިން ކުއްޔަށްދީ، ބޭނުންކުރަން ފަށާނަން." އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވިއެވެ.

މި މާރުކޭޓަކީ ލޯކަލް މާރުކޭޓަކަށްވުމުން، މިތަނަކީ ގަވާއިދާ އެއްގޮތަށް، ދިވެހި އުފެއްދުންތައް ވިއްކާ ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ. މިއީ ހުޅުމާލޭގައި ތަރައްޤީކުރާ ދެވަނަ ލޯކަލް މާރުކޭޓެވެ. ހުޅުމާލޭގެ އާބާދީ 50 ހާހަށް އިރާއިރު މިފަދަ އިތުރު ލޯކަލް މާރުކޭޓެއް ހުޅުމާލެއަށް ބޭނުންވާކަން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.