ވިޔަފާރި

ސީއެމްއޭގެ ދެވަނަ މޯލްޑިވްސް މާރކެޓާޒް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ، ސީއެމްއޭގެ ދެވަނަ މާރކެޓިން ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިއެވެ.
މާރޗް މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ވިޔަފާރިތަކުން ދޭ ޚިދުމަތާއި ވިއްކާ މުދާ ޒަމާނާ އެއްގޮތަށް މާކެޓްކުރުމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސީއެމްއޭއިން އިންތިޒާމްކުރާ ފޯރަމެކެވެ.
މިފޯރަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އަތުން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އޭގެފަހުން ފެބްރުއަރީ ފަނަރައިގެ ނިޔަލަށް ނެގުމަށް ނިންމާފައިވަނީ 1500 ރުފިޔާއެވެ.
މާރކެޓާޒް ފޯރަމްގައި ބައިވެރިވުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓާއި ފޭސް ބުކް ޕޭޖުންވެސް ރަޖިސްޓަރ ކުރެވޭނެއެވެ.

ސީއެމްއޭއިން ބުނީ މި ފޯރަމްގައި އެންމެ ފަހުގެ ޑިޖިޓަލް މާރކެޓް ޓްރެންޑްސް ނުވަތަ އޮންލައިންކޮށް ވިޔަފާރި މާރކެޓް ކުރުމުގެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދޭނެކަމަށެވެ. އަދި އެންމެ ފަހުގެ ޑިޖިޓަލް މާރކެޓިން އީޖާދުތަކާއި، އީކޮމާސްއާއި ގުޅުންހުރި ސޮފްޓްވެއަރގެ އިތުރުން ވާރޗުއަލް ރިއާލިޓީ، އާރޓިފިޝަލް އިންޓެލިޖަންސްގެ ހޯދުންތަކުގެ މައުލޫމަތުވެސް ކަމާބެހޭ މާހިރުން ބައިވެރިންނަށް ފޯރުކޮށްދޭނެކަމަށެވެ. އަދި މާރކެޓިން ކޮންޓެންޓު ހެދުމާއި، ކަމާގުޅުން ހުރި ޑޭޓާ އެއްކުރުމާއި، ސްމާޓްފޯނު މެދުވެރިކޮށް ތަކެތި ވިއްކުމުގައި ބޭނުންކުރެވޭނެ އުކުޅުތަށް ދަސްކޮށްދޭނެކަމަށެވެ.
މޯލްޑިވްސް މާރކެޓާޒް ފޯރަމަކީ ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ އަދި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރިތަށް ފުޅާކޮށް، އެންމެ ފަހުގެ އީޖާދުތަކުގެ ޒަރިއްޔާއިން ވިޔަފާރީގެ ޚިދުމަތްތަކާއި މުދާ ވިއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ފޯރަމެކެވެ.