ޚަބަރު

ނާއިބު ރައީސް ސްޓެލްކޯގެ މަސައްކަތްތައް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ސްޓެލްކޯއަށް ކުރެއްވި މި ޒިޔާރަތުގައި ނައިބްރައީސްވަނީ އެ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، މާލޭގެ ކަރަންޓުގެ ޙާލަތާއި، އިތުރުވަމުން އަންނަ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣްނީ ވިދާޅުވީ މި ބައްދަލުވުމުގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބްރައީސްއާއި ޙިއްސާކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު އެކުންފުނިން ފަށައިގެން ކުރިއަށްގެންދާ މަޝްރުޢުތަކާ ގުޅޭ މަޢުލޫމާތުވެސް ޚިއްސާކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މާލޭއަށް ކަރަންޓު ދިނުމުގައި ކުރިމަތިވާ ދަތިތަކާއި، ޙައްލުކުރުމަށް އެޅެންހުރި ފިޔަވަޅޫތަކާއި ގުޅޭގޮތުން. ސްޓެލްކޯގެ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ނައިބު ރައީސް ވިދާޅުވި." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވިއެވެ.

ސްޓެލްކޯއަށް ނައިބްރައީސް ކުރެއްވި ޒިޔާރަތުގައި، ސްޓެލްކޯގެ އިންޖީނުގެއާއި، ސްޓެލްކޯއިން ފެން އުފައްދާ ފެކްޓްރީ ބައްލަވާލައްވާފައިވެއެވެ. އަދި ހިޔާ މަޝްރޫޢުގެދަށުން އެ ކުންފުނީގެ މުޢައްޒަފުންނަށް އަޅާ ޓަވަރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް އޮޅުންފިލުއްވާފައިވެއެވެ.

މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް، އިންޑަސްޓްރިއަލް ޒޯނުގައި އާ އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި ތަރައްޤީކުރާ 50 މެގަވޮޓުގެ ކަރަންޓް އުފައްދާ އިންޖީނުގޭގެ މަސައްކަތް މިހާރުވަނީ ނިމުމަކާއި ގާތްވެފައެވެ. މި އިންޖީނުގެ މެދުވެރިކޮށް މާލެއާއި، ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށްވެސް ވަނީ ނިންމާފައެވެ.