ޚަބަރު

މަތީ ތަޢުލީމުދޭ ސަރުކާރުގެ މުއައްސަސާތަކަށް ނާއިބުރައީސް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މަތީ ތައުލީމުދޭ ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

މަތީ ތައުލީމު އުނގަންނައިދޭ ސަރުކާރުގެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކުރެއްވި މި ޒިއާރަތަކީ ތައުލީމީ ނިޒާމު ފުޅާކޮށް، ދިވެހިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް، ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމަށް ކުރެއްވި ޒިޔާރާތެކެވެ. ނާއިބުރައީސް ވަނީ ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމިކް ޔުނިވަރސިޓީއާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިތުރުން ޓިވެޓް އޮތޯރިޓީއަށް މިއަދު ޒިޔާރާތް ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެމްއެންޔޫގެ އެކި ދާއިރާތަކުގެ ކޯސްތައް ހިންގާ ފެކަލްޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އިތުރު ދާއިރާތަކުން ކިޔެވުމަށް މަގުފަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފައެވެ.

ނާއިބުރައީސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އެ ޔުނިވަރސިޓީން އެކި ޤައުމުތަކާ ގުޅިގެން ފަހިކޮށްދެމުންދާ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައި، އެކަންކަން އިތުރަށް އިތުރަށް ހަރުދަނާ ކުރެއްވުމާގުޅޭގޮތުން ޔުނިވަރސިޓީގެ އިސްވެރިންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިއަދުވަނީ ފަންނީ ތަޢުލީމު އުނގަންނައިދޭ، މޯލްޑިވްސް ޕޮލިޓެކްނިކާއި، ޓިވެޓް އޮތޯރިޓީއަށްވެސް ވަޑައިގެންފައެވެ. މި ދެ މުއައްސަސާއަށް ވަޑައިގެން އެމަނިކުފާނުވަނީ ފަންނީ ތަޢުލީމުގެ މުހިންމުކަން ފާހަގަކުރައްވައި، ބީޓެކްފަދަ ފަންނީ ތަޢުލީމު އުނގަންނައިދޭ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.