ޚަބަރު

ކުޅުދުއްފުށީ ކުޅީގެ ބާކީބައި ހިމާޔަތްކުރަނީ


ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ މަށި ކުޅީގެ ބާކީ ބަޔާއި، އެރަށުގައި ހުރި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަށް ހިމާޔަތް ކުރުމާ ބެހޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރާއި، އެމިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ ކުޅީގެ ބާކީބައި ހިމާޔަތް ކުރުމާމެދު އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާކަމަށާއި، އެކަން ކުރެވޭނީ އެއަރޕޯޓް އެޅުމަށް ކުޅިން ބައެއް ހިއްކުމަށްފަހު ބާކީ އޮތް ބައިގެ ހާލަތު ދެނެގަތުމަށް ސަރވޭއެއް ހެދުމަށްފަހުކަމަށެވެ.

ކުޅުދުއްފުށީ މަށި ކުޅި ހިމާޔަތް ކުރުމުގެ އިތުރުން އެތަނަކީ އިޤްތިޞާދީ ފައިދާ ލިބޭނެ ތަނެއް ގޮތުގައި ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށާއި، ކުޅީގެ ބާކީބައި ހިމާޔަތްކޮށް، އެތަނުން އިޤްތިޞާދީ މަންފާ ލިބޭނެގޮތަށް ތަރައްޤީކުރުމަކީ ކައުންސިލްގެ އަމާޒެއްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ހުރި ތިމާވެށީގެ ގޮތުން ނާޒުކު ތަންތައް ހިމާޔަތް ކުރުމާބެހޭގޮތުން އެންވަޔަމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. އަދި ހިމާޔަތް ކުރުމުގެ ކުރިން އެތަންތަނުގެ ހާލަތު ބެލުމަށްޓަކައި އަންނަ މަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ޓީމެއް އެރަށަށް ދިއުމަށް ހަމަޖެހިފަިއވާކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ މަށި ކުޅިއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ، އެތައް ދިރުންތަކެއް އުޅެމުންދިޔަ ތަނެކެވެ. ނަމަވެސް ކުރީގެ ސަރުކާރުން ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށްޓަކައި ކުޅީގެ ބޮޑުބައެއް ހިއްކުމާ ގުޅިގެން އެތަނުގެ ގުދުރަތީ ރީތިކަން ވަނީ ގެއްލިފައެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.