ޚަބަރު

ޤާނޫނީ އިމުން ބޭރުނުުވާނަމަ ރައީސް ޞާލިޙަށް އެއްބާރުލުން ދޭނަން - ޤާސިމް


ޤާނޫނީ އިމުން ބޭރުނުވެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަން ކުރާނަމަ ދައުރުނިމެންދެންވެސް ސަރުކާރާއި ރައީސް ޞާލިޙާށް އެއްބާރުލުން ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ މެންބަރޝިޕް ފޯމް ޕާޓީގެ ލީޑަރާއި ހަވާލުކުރުމަށް އެޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ބައްދަލުވުމެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާޙީމް ވިދާޅުވީ، ރައީސް މައުމޫނުގެ ފަހުގެ ދައުރުތަކުން ފެށިގެން މިހާތަނަށް އުފެދުނު ހުރިހާވެރިކަމެއްވެސް ގެނެވުނީ އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ތާޢީދާއެކު ކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރަށް ޤާސިމް އެއްބާރުލުން ނުދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ބަޔަކުގައި ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް އުސޫލުން ބޭރުންކަންކަން ކުރާނަމަ އެކަންކަން އިސްލާޙްކުރުމަށް މަސައްކަތް ކުރައްވާކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ތެރޭގައިވެސް އެފަދަ ކަމެއް ފެނިއްޖެނަމަ އެފަދަ ކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރާނެކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއާ އެކީގައި، އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓައި، ނަގަހައްޓަން، އެކަން އަޅުގަނޑުމެން ކުރާނަން، ކިތަންމެ ރުޅިއަޔަސް، ރުޅިއައިސްބަލަ. ކިތަންމެ ވަރެއްކުރިއަސް ރައީސް ޞާލިޙް ވެރިމުގައި ހުންނަވަން ބޭނުންފުޅުވެގެން ކުރިއަށްދާހާ ދުވަހަކު އަޅުގަނޑުމެން އެމަނިކުފާނާއި އެކީގައި ތިބޭނަން. މިފަސްއަހަރު ހަމަގައިމުވެސް"

އެމްޑީޕީއާއި އެޕާޓީގެ އިސްފަރާތްތަކަށް ފާޑުވިދާޅުވެ، ޚާއްސަކޮށް ކުރީގެ ރައީސް ނަޝީދަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް އެމްޑީޕީން މިހާރު މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް ޤާސިމްވަނީ ވާހަކަފުޅުދައްކަވާފައެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަސް އެއްބާރުލުން ނުދޭނެކަމަށާއި، އަދި އެއީ ކުރެވޭނެވެސް ކަމެއްނޫންކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބާރުވެރިކަން ފުރޮޅާލައި މިހާރު މިއޮންނަ ނިޒާމް ބަދަލުކުރާނަމޭ ބުންޏަސް، އަޅުގަނޑު ހިތައް އަރަނީ މިއީ ކިހިނެއް ކޮން އުސޫލަކުން ކުރާނެކަމެއްގެ ވާހަކަހޭ މިދައްކަނީ. އަޅުގަނޑަށް ހަމަ ކަށަވަރު ޔަގީން އިރާދަކުރެއްވީތީ އެކަމެއް ނުވާނެކަން. އެއީ ޕާލިމެންޓަރީ ނިޒާމެއް ބަދަލުވެގެންދާއިރު، ޕާލިމެންޓުގަައިވެސް ތިބޭނީ ހުސް މިނިސްޓަރުންނާއި، ޑެޕިއުޓީންނާއި، ސްޓޭޓް މިނިސްޓަރުން. ރައްޔިތުން އެންމެ ފަހަރަކު ވޯޓުލާނީ. އޭރުން ވެރިކަމަށް ގެންނަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަންނަ މީހަކަށް ވޯޓުދޭކަށް ނުޖެހޭނެ. އެހެންވީމަ ހުރިހާއެއްޗެއް އެއް ގޮނަށް އަޅާފައި ނިންމާލީ" މާމިގިލި ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ މަޖިލީހުގެ ރައީސް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި މިރޭ އެޕާޓީއާއި ގުޅުވަޑައިގަތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް އައްޑޫ ސީޓީ މީދޫ ހަސަންކާރިގެ، މުހައްމަދު ފަރުހާދާއި، އިތުރު ބައެއް ފަރާތްތަކުން ވަނީ އެޕާޓީއަށް ސޮއިކުރައްވާފައެވެ.