ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން 10 ޓަވަރުގައި ޝީޓް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.
ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، 25 ފަންގިފިލާގެ 16 ޓަވަރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދް ވިދާޅުވީ މި މަޝްރޫޢުގެދަށުން މަސައްކަތް ފަށަފައިވާ 16 ޓަވަރުގެ ތެރެއިން، 10 ޓަވަރުގެ ކޮންކްރީޓް ޝީޓް އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެގޮތުން 25 ފަންގިފިލާގައި ޝީޓްތައް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ އެތެރޭގެ ފާރުތައް ރޭނުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ބާކީހުރި 6 ޓަވަރުގެ ޝީޓް އެޅުމުގެ މަސައްކަތްވެސް މިހާރު ގެންދަނީ ކުރަމުންނެވެ. އެގޮތުން 6 ޓަވަރުގެ 25 ޝީޓްގެތެރެއިން 10 ވަނަ ފަންގިފިލާއާ ހަމައަށް ޝީޓް އަޅައި ވަނީ ނިމިފައެވެ. އެޗްޑީސީން ބުނީ 6 ޓަވަރުގެ ބާކީ 15 ފަންގިފިލާގައި ޝީޓް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ 25 ބުރީގެ 16 ޓަވަރުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލެވޭނެކަމަށެވެ. ހިޔާ މަޝްރޫގެދަށުން ދަށުން ހުޅުމާލޭގައި އަޅަމުންދަނީ 1 ކޮޓަރިއާއި، 2 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ނަމަވެސް އެއީ އާއިލާއެއް ދިރިއުޅުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ފްލެޓްތަކެއްކަމުން، މިހާތަނަށް ކޮޓަރިތައް ރާނައި ނިމިފައި ނުވާ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލުގެނެސް ކޮޓަރިތަކުގެ ޢަދަދު އިތުރު ކުރުމަށް ކޮންޓްރެކްޓަރާ މަޝްވަރާ ކުރަމުންދާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
"ޑިޒައިން ބަދަލުކުރުމަށް ކޮންޓްރެކްޓަރުންނަށް ޚިޔާލު ހުށަހަޅާފައިވަނީ މިހާރު. ވީހާވެސް ޚަރަދު ކުޑަކޮށް ކުރެވޭތޯ މިބަލަނީ. މިހާރު ނުރާނާ ހުރި 2 ކޮޓަރީގެ ތަންތަން 3 ރޫމަށް ބަދަލުކުރާނަން." އެޗްޑީސީގެ އެމްޑީ ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ މިއަހަރު ފަހުކޮޅު ފްލެޓްތަކުގެ މަސައްކަތް ނިމުނު ނަމަވެސް، މީހުންނަށް ދިރިއުޅެވޭވަރުވާނީ ބޭނުންވާ އަސާސީ ޚިދުމަތްތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށް ނިމުމުންކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމާއި، ސްކޫލާއި މިސްކިތްފަދަ ތަންތަން ދެވަނަ ފިޔަވަހީގައި އެޅުމަށް ޕްލޭން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތް އެޅުމަށް އެޗްޑީސީއަށް ހުށަހަޅާފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓްތައް ލިބޭ ފަރާތްތައް ކުރީގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅި ގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުންތަކަށް ބަލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ އެކަން ކުރިގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައެވެ. މިމަސައްކަތް ކުރަމުންދަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާ ހަވާލުކޮށްގެނެވެ.