ޚަބަރު

ބުރިޖު ދަށުން ދަތުރު ނުކުރުމަށް އަންގައިފި


ބުރިޖު އެޅުމަށް ހެދި ވަގުތީ ޕްލެޓްފޯމް ނަގައި ނުނިމޭތީ ސިނަމާލެ ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުފަތުރު ނުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންގައިފިއެވެ.

ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރުމަށް މާލެއާ ހުޅުލެއާ ދެމެދުއޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުފަތުރުކުރުން މަނާކުރިފަހުން، ވަކީ ޚާއްޞަ ހުއްދައެއްއޮންނަ އުޅަންދުފަހަރު ފިޔަވައި އެހެން އުޅަންދުތަކަށް އެތަނުން ދަތުރުކުރުން އޮތީ މަނާކޮށްފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ބުރިޖު ދަށުން ދަތުރު ނުކުރުމަށް އަންގާފައިވަނީ، ބުރިޖު އެޅުމަށްހެދި ވަގުތީ ޕްލެޓްފޯމާއި، ބުރިޖުގެ މަސައްކަތަށް ހެދި ބައެއް ސްޓްރަކްޗަރތަކުގެ ބައިތައް ނެގުމުގެ މަސައްކަތްތައް އަދިވެސް އެ ސަރަޙައްދުގައި ކުރިއަށްދާތީ، އެތަނުން ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ ކަމަށެވެ.

އެގޮތުން ޕްލޭނިންގ މިނިސްޓްރީން ވަނީ އަންނަ މޭމަހުގެ ނިޔަލަށް ބުރިޖު ދަށުން ހުރަސްކުރުމާއި، އަދި ޕްލެޓްފޯމްގެ ބައިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކަނޑު އުޅަނދުތައް ވަނުން މަނާކޮށްފައެވެ. އަދި އެސަރަޙައްދަށް މޫދަށްއެރޭ ފަރާތްތަކާއި، ރާޅާ އަޅާ މީހުންވެސް ބުރިޖު ކައިރީގައި ހަރަކާތްތެރިވުން ވަނީ މަނާކޮށްފައެވެ. އަދި އެ ސަރަހައްދުގެ މޫދަށް އެރި އުޅޭއިރު ބުރިޖުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ސްޓްރަކްޗަރތަކަށް ސަމާލުވުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބްރިޖް އެޅުމަށްހެދި ވަގުތީ ޕްލެޓްފޯމްގެ، ފެންމަތިން ފެންނަންހުރި ހުރިހާ ބައެއް މިހާރުވަނީ ނަގައި ނިންމާފައެވެ. ބްރިޖްގެ މަސައްކަތްކުރާ ޗައިނާފެ ކުންފުނި ސީސީސީސީ ސެކަންޑް ހާބަރ އިންޖިއަރިންގ ކުންފުނިންވެސް ވަނީ، އާންމުންގެ ސަމާލުކަމަށްޓަކައި އެ ސަރަޙައްދުގައި ރާޅާއެޅުމާއި، ކަނޑުދަތުރު ނުކުރުމަށް އެދިފައެެވެ.

ބްރިޖް ހެދުމަށް އެސަރަޙައްދުގެ ކަނޑުގެ 50 މީޓަރު އަޑިއަށް 61 ދަގަނޑު ހޮޅި ވަނީ ޖަހާފައެވެ. ވަށަމިނުގައި 3.6 މީޓަރު ހުންނަ މި ހޮޅިތައް ނެގުމަކީ ހޮޅިތައް ޖެހުމަށްވުރެ އުނދަގޫ މަސައްކަތެއްކަމަށް ސީސީސީސީ ކުންފުނިންވަނީ ބުނެފައެވެ.

ސިނަމާލޭ ބްރިޖް އާންމު ދަތުރުތަކަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ބްރިޖްގެ ބެލެހެއްޓުމުގެ މަސައްކަތް ދެއަހަރުގެ މުއްދަތަކަށް ކުރާނީ ބްރިޖް އެޅި ކުންފުނި، ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ ކުންފުނިންނެވެ.