ޚަބަރު

މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން ޕްރޮފެސަރ އުގައިލްގެ އެހީތެރިކަން ހޯދަނީ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ދިވެހި ޕްރޮފެސަރ ޙަސަން އުގައިލްގެ އެހީ ހޯދުމަށް ނިންމައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ސުޢޫދު ވަނީ ޕްރޮފެސަރ ޙަސަން އުގައިލްއާއިއެކު މަސައްކަތްފަށްޓަވާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އުގައިލްގެ އެދިވަޑައިގަތުމަށް ބައެއް ވީޑިއޯތައް އިނގިރޭސިވިލާތަށް ފޮނުވައިގެން ބައެއް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ސުޢޫދު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ ސްކޫލް އޮފް އިންޖިނިއަރިންގް އެންޑް އިންފޮމޭޓިކްގައި ވިޝުއަލް ކޮމްޕިއުޓިންގް ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވާ ރާއްޖޭގެ ފުރަތަމަ ޕްރޮފެސަރ އަދި ކޮމްޕިއުޓަރު ސައިންޓިސްޓް ޙަސަން އުގައިލް ވަނީ ޑރ.އަފްރާޝިމް ޢަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ކުރިންވެސް ވިދާޅުވެފައެވެ.

މަޢޫލޫމާތު ލިބިފައިވާގޮތުގައި ރިޔާސީ ކޮމިޝަނަށް އުގައިލްގެ ފަރާތުން "ފޭސް ރިކޮގްނިޝަން" ނުވަތަ މީހުން ދެނެގަތުމާއި، މަޢުލޫމާތު ހޯދާ ފަރާތްތަކުން ދައްކާ ވާހަކައިގެ ދޮގު ތެދުމިން ދެނެގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުގައިލް މީގެ ކުރިން ވަނީ މަރުތައް ތަޙްޤީޤްކުރާ ކޮމިޝަންގެ މެންބަރުންނާވެސް ބައްދަލުކުރައްވައި އެ ކޮމިޝަނަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. ޕްރޮފެސަރ އުގައިލް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ މަރުގެ ހާދިސާތަކުގައި "ފޭސް ރިކޮގްނިޝަން ސިސްޓަމް" މެދުވެރިކޮށް މީހުން ދެނެގަތުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.