ޚަބަރު

ރިޔާސީ ބަޔާން އިއްވަވާތީ 7 ފެބްރުއަރީ ބަންދު


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސްކަމަށްވާ ފެބުރުއަރީ މަހުގެ 7ވަނަ ދުވަސް ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާޙިމް ޙޫދު ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މަޖިލީހުގެ އިދާރާއިން އިޢުލާންކުރައްވާފައިވާ އަންނަ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ނިންމަވާފައިވާކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 7ގައި ބާއްވާއިރު، މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ފެބްރުއަރީ 7 ގައި ދަރުބާރުގޭގައި ބާއްވާ މިޖަލްސާގައި ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވާ ފުރަތަމަ ރިޔާސީ ބަޔާނަށެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަަމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ.