ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގެ ޤަވައިދުތައް އެކުލަވާލުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވައިފި


ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ޤަވާއިދުތައް އެކުލަވާލުމަށް އާއްމުންގެ ޚިޔާލުހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމާއި ގުޅުންހުރި ޤަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެނައުމަށް މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުއްވުމަށް ލިޔުމުންނާއި މިނިސްޓްރީގެ އީ-މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަމުގެ ތެރެއިން އާންމުންނަށް ޚިޔާލު ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ރިސޯޓު، ގެސްޓްހައުސް، ހޮޓެލް، ޓްރެވެލް އޭޖެންސީ އަދި ޓުއާރ ގައިޑުންގެ ޤަވައިދުތައް ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމުގެ ޤަވާއިދުތަކާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޤަވައިދުތަކާއި އުސޫލުތަކަށް ވެސް ޚިޔާލު ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި މިދާއިރާގައި ހުރި އެކި ޤަވައިދުތަކަށް ބަދަލުގެނެސް މި ދާއިރާ ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމުކަމެކެވެ.

މި މަސައްކަތުގެ ދަށުން މިދިޔަ ޑިސެމްބަރުމަހު ޓޫރިޒަމް މިނިސްޓްރީން ގެސްޓް ހައުސް ވިޔަފާރިތަކަށް ޚާއްސަކޮށްގެން ގެސްޓްހައުސް މަހާސިންތާއެއް ބާއްވާފައިވާއިރު މި މަހާސިންތާގައިވެސް މިދާއިރާ ކުރިއެރުވުމަށްޓަކައި އާންމުންގެ އެކި ޚިޔާލު ހޯދާފައިވެއެވެ.

ޓުރިޒަމް މިނިސްޓްރީން ބުނީ ގެސްޓްހައުސް ސިމްޕޯސިއަމްގައި އާންމުންގެ ފަރާތުން ހުށަހެޅި ޚިޔާލުތަކަށް ރިޕޯޓެއް އެކުލަވާލެވި އެ ރިޕޯޓުގައި ހިމެނޭކަންކަން ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކާއެކު މިހާރު ވެސް މަސައްކަތްކުރަމުންދާކަމަށެވެ.

ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތުކުރިއެރުވުމަށް ބޮޑެތި ވަޢުދުތަކެއް ވެފައިވާއިރު ބޭރު ދުނިޔޭގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ 154.2 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.