ރިޕޯޓް

ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަންޖެހޭ- ހާޓްވިގް


ރާއްޖޭގެ ރީތިކަން ދަމަހައްޓަން ބޭނުންވާނަމަ ދެމެހެއްޓިނި ގޮތެއްގައި ޕްލާސްޓިކް ނައްތާލަން ޖެހޭކަމަށް ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނާއިބު ރައީސް ހާޓްވިގް ޝޭފާ ވިދާޅުވެއްޖެއެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ބ. އަތޮޅު މާޅޮހަށް ވަޑައިގެން، ވޯލްޑް ބެންކުގެ އެހީގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ހާޓްވިގް ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ގޮތުން ރީތި ޤައުމެއްކަމަށާއި ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާއިރު ތިމާވެށްޓައް ގެއްލުންވާ ތަކެތި، ވަކިން ހާއްސަކޮށް ޕްލާސްޓިކް ރައްކާތެރި ގޮތެއްގައި ނައްތާލަން ޖެހޭނެކަމަށެވެ. އަދި އެންމެ ރަގަޅު އެއްގޮތަކީ ޕްލާސްޓިކް ފުޅިއާ ކޮތަޅު ބޭނުންކުރުން ހުއްޓާލުންކަމަށް ހާޓް ވިދާޅުވިއެވެ.

ބ.އަތޮޅު މާޅޮހުގައި ހަދާފައިވާ ކުނި ކޮށްޓަކީ ވޯލްޑް ބޭންކް ހިލޭ އެހީގަ، މޯލްޑިވްސް އެންވައިރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ ކުނިކޮށްޓެކެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް މާޅޮހަށް ކުރެއްވި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ ވޯލްޑް ބޭންކުން ފަންޑްކޮށްގެން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކުރުމެވެ. މި ދަތުރުފުޅުގައި ވޯލްޑް ބޭންކުގެ ޓީމުން ވަނީ، މާޅޮހު ކައުންސިލާ ބައްދަލުކޮށް އެރަށުގައި ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާ ލައްވާ، އެމަސައްކަތްތައް ކުރުމަށް ފަންޑް ހޯދި ގޮތްތައް އޮޅުންފިލުއްވާފައެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެ ތެރެއިން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ބ.އަތޮޅު މާޅޮހަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ވޯލްޑް ބޭންކުން ސްރީލަންކާ އާއި ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރާއި ވޯލްޑް ބޭންކުގެ ބޯޑް އޮފް ޑައިރެކްޓަރސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެގްޒެކެޓިވް ޑައިރެކްޓަރ މިރްޒާ ހަސަން ބައިވެރިވެވަޑައިގަތެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މިރްޒާ ހަސަން ވިދާޅުވީ މާޅޮހުގައި ކުނި ނައްތަލުމަށް ކުރަމުންގެންދާ މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަމަށެވެ. އަދި ހަލާކު ނުވާ ޒާތުގެ ކުނި ނައްތާނުލެވޭ މައްސަލައަކީ ހައްލު ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާޅޮހުގެ އިތުރުން، ފުވައްމުލައް ސިޓީއަށް އިއްޔެ ވަޑައިގެން އެރަށުގެ ޗަސް ބިން ސަރަޙައްދު ނުވަތަ ނޭޗަރ ޕާކް ވަނީ ބައްލަވާލައްވާފައެވެ. މިއީ ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ފަންޑްކޮށްގެން، ވޯލްޑް ބެންކުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ވޯލްޑް ބެންކުގެ ނާއިބު ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރާއްޖޭގެ މާލީ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެއެވެ.