ޚަބަރު

އުކުޅަހުގެ ބިން ހިއްކައި ނިމުމުން ކުނި މެނޭޖް ކުރުމަށާއި ޖާގައިގެ ދަތިކަމަށް ހައްލެއް ލިބޭނެ- ކައުންސިލް


މި އަހަރު އއ އުކުޅަހުގެ ބިން ހިއްކާ ނިމިއްޖެނަމަ އެންމެ ބޮޑު އިސްކަމެއްދޭނީ އެ ރަށުގެ ކުނިކޮށި، ހިއްކާ ސަރަހައްދަށް ބަދަލުކުރުމަށްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އާބާދީގައި އެއްހާހެއްހާ މީހުން ދިރިއުޅޭ އއ. އުކުޅަހަކީ މިހާރު އެ އަތޮޅުގައި އެންމެ ބާރަށް ތަރައްޤީވަމުން އަންނަ އެއް ރަށެވެ.

ރަށުގެ ބޮޑު މިނުގައި އެންމެ 17 ވަރަކަށް ހެކްޓަރު ހުންނަ އުކުޅަހަކީ އެ އަތޮޅުގައި އޭލެވެލްއާއި ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ހުންނަ ރަށަށްވެފައި، ލޯކަލް ޓުއަރިޒަމް ބާރު ދުވެއްޔެއްގައި އެރަށުގައި ފުޅާވަމުންދާއިރު، އެރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. މި މައްސަލަ ހައްލު ކުރުމަށް، އެރަށުގެ ފަޅުން ބައެއް ހިއްކުމަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައެވެ.

އއ އުކުޅަހަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުޤަތު އިބްރާހީމް ވިދާޅުވީ، ރަށަށް އަންނަމުންދާ ތަރައްޤީއާއި އާބާދީއަށް އަންނަ ބަދަލާއެކު ބިމުގެ ޖާގައިގެ ދަތިކަމާއެކު ކުނި މެނޭޖް ކުރުމަކީވެސް މިހާރު ދަތިކަމަކަށް ވެފައިވާކަމަށެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ނިމިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ރަށުގެ ކުނިކޮށި އެ ސަރަހައްދަށް ބަދަލު ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ކުނިކޮށީގައި އިންސިނިރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްވެސް ކައުންސިލުން ފަށާފައިވާކަމަށެވެ.

"އަޅުގަނޑުމެން 2018 ވަނަ އަހަރު ފާސްކުރި ގްރީން ޓެކްސްގެ ގޮތުގައިވެސް ހަތަރު ލައްކަ ސައުވީސް ހާސް ޔޫއެސް ޑޮލަރު ދެއްކިން. އެކަމަކު މިކަމުން ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ވޭތުވެ ދިޔަ ސަރުކާރުން މާބޮޑު އެހީ އެއް ނުވޭ. އަޅުގަނޑުމެންނަކީ ރިސައިކަލްކޮށް ކޮމްޕޯސްޓް ހަދާ ރަށަކަށްވާއިރު، މިހާރުި ކުނިކޮށި ހުންނަ ހިސާބުގެ ގޮތުން މިކަމަށްވެސް ވަނީ ދަތިވެފައި. މި ސަބަބަށްޓަކައި ރަށުގެ ބިން ހިއްކިހާ އަވަހަކަށް އެ ސަރަހައްދަށް ކުނިކޮށި ބަދަލުކުރާނަން." ޝައުޤަތު އިބްރާހިމް ވިދާޅުވިއެވެ.

އުކުޅަހު ކުނިކޮށި އިމާރާތްކޮށްފައި ހުންނަނީ އެރަށު ސްކޫލާއި އިންވެގެންނެވެ. އެހެންކަމުން ކުނި ނައްތާލުމުގެ މަސައްކަތަށް މީގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާކަންވެސް ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އުކުޅަހުގައި ކުނި މެނޭޖް ކުރުމުގެ ގޮތުން ރަށު ކައުންސިލުން، އެރަށުގެ ގޭބިސީތަކުން ދުވާލުގެ ދެ ގަޑިއެއްގައި ކުނި ނެގުމުގެ މަސައްކަތްކުރާއިރު، މި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ދަތި ކަމަކަށް ވެފައިވަނީ ގޭބިސީތަކުން އުކާލާ ހުރިހާ ބާވަތެއްގެ ކުނިވެސް އެއްކޮށްފައި ހުރުމެވެ. އެގޮތުން މިގޮތަށް ހުންނަ ކުނީގެ ތެރެއިން އެކި ބާވަތްތައް ވަކި ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭކަން މި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

"އަޅުގަނޑުމެންނަށް އެންމެ ދަތިވަނީ ހުރިހާ ކުނިތަކެއް އެއްކޮށް ގަޑުބަޑުކޮށްފައި ހުންނާތީ. ދެން މިތަކެތި ވަކިކުރަން ވަރަށް ވަގުތުދޭ އަސްލު. މިކަމަށް ކުނި ނަގަންދާ ވަގުތުގެ ޑަބަލް ވަގުތުދޭ." ކުނި ކޮށީގައި މަސައްކަތްކުރާ މުޢައްޒަފަކު ބުންޏެވެ.

އއ އުކުޅަހަކީ ރަށުގެ ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށްވާއިރު، އެރަށަށް 2014 ވަނަ އަހަރުވަނީ ފެހި ފަތް އެވޯޑުވެސް ލިބިފައެވެ.

އުކުޅަހުގެ ކުނި މެނޭޖް ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށުގެ އެކި ސަރަހައްދުތަކުގައި އިތުރު ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.