ޚަބަރު

އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު އޮންނާނެ


ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު އޮންނާނެއެވެ.

މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން އިންޑިއާގެ ތިރުވަނަންތަ ޕޫރަމާއި، ސްރީލަންކާ އާއި މެލޭޝިޔާގައި އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެކަން އެޕާޓީން ބުނެއެވެ. އެގޮތުން މެލޭޝިޔާ ފިޔަވައި އެހެން ހުރިހާ ތަނެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ މިއަދު 14:30 އިން މިރޭ 20:30 އަށެވެ.

އެމް.ޑީ.ޕީން ބުނީ މެލޭޝިޔާގައި ދިރިއުޅޭ އެޕާޓީގެ މެންބަރުންގެ އެދުމުގެ މަތިން، ރާއްޖެ ގަޑިއާ އެޤައުމުގެ ގަޑީގައި 3 ގަޑި އިރުގެ ތަފާތެއް އުޅޭތީ މެލޭޝިއާގައި ވޯޓުލުން ފެށޭނީ މެލޭޝިއާ ގަޑިން މެންދުރު 2:30 ގައި ކަމަށާއި ކިއު ބަންދުވާނީ މެލޭޝިއާ ގަޑިން ރޭގަނޑު 8:30 ގައި ކަމަށެވެ.
އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގައި ޖުމްލަ 270 ވޯޓު ފޮށި ބަހައްޓާއިރު، ވޯޓުލުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކުރިއަށް ގެއްދިއުމަށް ކޮންމެ ރަށަކުން ސްކޫލެއް ލިބިފައިވާކަމަށާއި ނަމަވެސް ކެނޑިޑޭޓުން މައްސަލަ ނުޖައްސާނަމަ އެރަށެއްގައި ހުންނަ އެޕާޓީގެ ހަރުގޭގައިވެސް ވޯޓުލުން ކުރިއަށްގެންދާނެކަމަށް އެމް.ޑީޕީން ބުނެއެވެ.

މާލޭގައިވެސް އެމް.ޑީޕީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ ވަކި ސްކޫލްތަކެއްގައެވެ. އެގޮތުން މައްޗަންގޯޅި ހުރިހާ ދާއިރާތަކާއި، މ، ފ، އަދި ދ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ގެންދަނީ މަދުރަސަތުލް އަރަބިއްޔާގައެވެ. ގއ، ގދ، އަދި ވ އަތޮޅުގެ ދާއިރާތަކުގެ ކެނޑިޑޭޓުން ހޮވުމަށް ވޯޓުލުން އޮންނާނީ އަމީނިއްޔާ ސްކޫލްގައި ކަމަށް އެމް.ޑީ.ޕިން ބުނެއެވެ. ހއ، ހދ، ށ، އަދި ނ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އިސްކަންދަރު ސްކޫލްގައި ކުރިއަށްގެންދާއިރު، ގަލޮޅު ދެކުނު ދާއިރާއާއި، ރ، ބ، އަދި ޅ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްގެންދަނީ އިމާދުއްދީން ސްކޫލްގައެވެ.

ހެންވޭރުގެ ހުރިހާ ދާއިރާތަކާއި، ތ، ލ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްގެންދަނީ ކަލާފާނު ސްކޫލްގައެވެ. މީގެ އިތުރުން މާފަންނު ހުރިހާ ދާއިރާތަކާއި، ފުވައްމުލައްސިޓީގެ އިތުރުން މާލެއަތޮލޫގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްގެންދާނީ ހިރިޔާ ސްކޫލްގައި ކަމަށާއި، ވިލިމާލެ ދާއިރާގެ ވޯޓުލުން މުހިއްދީން ސްކޫލްގައި، އަދި ހުޅުމާލެ ދާއިރާގެ ވޯޓުލުން ރެހެންދި ސްކޫލްގައި ކުރިއަށްދާއިރު، އައްޑޫ ސިޓީގެ ހުރިހާ ދާއިރާތަކާއި އއ، އދ އަތޮޅުގެ ދާއިރާތަކުގެ ޕްރައިމަރީގެވޯޓުލުން އޮންނާނީ ތާޖުއްދީން ސްކޫލްގައި ކަމަށް އެމް.ޑީ.ޕީން މައުލޫމާތުދެއެވެ.

ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ބަލާއިރު ސްރީލަންކާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެހިވަލާ ގައި ހުންނަ ތޯރިގްސް ރެސިޑެންޓްގައެވެ. އަދި މެލޭޝިޔާގައި ވޯޓުލުން އޮތީ ސެލަންގޯގައި ހުންނަ ޢަލީ ޝިޔާމްސް ރެސިޑެންޓްގައެވެ. މީގެއިތުރުން އިންޑިއާގައި ވޯޓުލުން ކުރިއަށްދާނީ ތިރުވަނަންތަ ޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓް އޮފީހާއި ޖެހިގެން ހުންނަ ބިވެރާ ހޮޓެލްގައިކަމަށް އެމްޑީޕީން ބުނެއެވެ.

މަޖިލިސް އިންތިޚާބުގައި އެމް.ޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު ބާއްވާއިރު ވީހާވެސް ދެފުށް ފެންނަ ގޮތަށް ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނަށް ވޯޓު ދެވޭނެފަދަ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، މިޕްރައިމަރީގައި 86091 މެންބަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާއިރު ޖުމްލަ 279 މީހަކު ޕްރައިމަރީގައި ވާދަކުރާކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.