ވިޔަފާރި

ލަކްސްގެ ދެވަނަ ރިސޯޓް އަންނަމަހު ހުޅުވަނީ


ލަކްސް ރިސޯޓްސް އެންޑް ހޮޓެލްއިން، މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ލަކްސް ރިސޯޓްސް އެންޑް ހޮޓެލްއިން ބުނީ މާލެ އަތޮޅު އޮޅުހެލީގައި ތަރައްޤީކުރި ރިސޯޓުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ. އަދި މި ރިސޯޓު ހުޅުވުމުގެ ގޮތުން ހަތަރު ދުވަހަށް ދިގުދެމިގެންދާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ސިންގަޕޫރުގެ މިއާޖާ ޑިޒައިން ގުރޫޕުން ފަރުމާކޮށްފައިވާ މި ރިސޯޓަކީ ޗުއްޓީ ހޭދަކޮށްލަން އަންނަ ފަރާތްތަކަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ރިސޯޓެކެވެ. ރިސޯޓް ފަރުމާކުރުމުގައި އެންމެ ބޮޑަށް އިސްކަންދީފައި ވަނީ ފަތުރުވެރިންނަށް އަމާން، ހިތް ފަސޭޙަ މާހައުލެއް ލިބޭނެފަދަ ގޮތަކަށްކަމަށް ލަކްސް ރިސޯޓްސް އެންޑް ހޮޓެލްއިން ބުނެއެވެ.

މި ރިސޯޓްގައި 2 ބުރިއަށް ހަދާފައިވާ ޖުމްލަ 67 ވިލާ ހުންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތައްވެސް މިރިސޯޓުގައި ހުރެއެވެ.

ލަކްސް ރިސޯޓްސް އެންޑް ހޮޓެލްގެ ދެވަނަ ރިސޯޓް ހުޅުވަން ތައްޔާރުވަމުންދާއިރު، އެކުންފުނިން މިހާރުވެސް ދަނީ އދ.ދިއްދޫފިނޮޅުގައި ލަކްސް ސައުތު އަރި އެޓޮލްގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.