ޚަބަރު

އައްޑޫސިޓީގަމަށް ގިނަ އަދަދެއްގެ ޓުއަ އޮޕަރޭޓަރުން ޒިޔާރަތްކޮށްފި


ސައުތު އެފްރިކަން އެއާލައިނުން އައްޑޫސިޓީ ގަމަށް މިއަދު ސަތޭކައަށް ވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން ޒިޔާރަތްކޮށްފިއެވެ.
މިއީ މިހާ ގިނަ އަދަދަކަށް ޓުއާ އޮޕަރޭޓަރުން އައްޑޫސިޓީ ގަމަށް އައި ފުރަތަމަ ފަހަރެވެ. ދެކުނު އެފްރިކާގެ ޤައުމީ އެއަރލައިނުން ގަމަށް އައި ޓުއާ އޮޕަރޭޓަރުން މިއަދު އައްޑޫގައި ހޭދަކޮށް ފަތުރުވެރިންނަށް ހުރީ، ކޮންކަހަލަ ފުރުސަތުތަކެއްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއްބަޔަކު އައްޑޫސިޓީ ކެނެރީފް އައިލޭންޑް ރިސޯޓުގައި އަދި ދެވަނަ ގްރޫޕް އީކުއޭޓަރ ވިލެޖުގައި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު ދަތުރުތައް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހުންނެވި، އެއަރ ޓުއަރ އޮޕަރޭޓާރސްގެ މެނޭޖިންގ ޑިރެކްޓަރ ކެއިތު ވިދާޅުވީ، މިއަދު ގަމަށް ޖެއްސި ފްލައިޓަކީ މިފަހަރު ސައުތުއެފްރިކަން އެއާލައިނުން އާހަރާއި ދިމާކޮށް ފެށި ދަތުރުތަކުގެ އެންމެ ފަހު ފްލައިޓްކަމަށެވެ. ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުން ގެނެސް އައްޑޫސިޓީގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް ދައްކާލުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިގެންދާނޭކަމަށް އުއްމީދުކުރާކަމަށް ކެއިތު ވިދާޅުވިއެވެ.

ސައުތު އެފްރިކަން އެއާލައިންސްގެ ސީދާ ދަތުރުތަށް ގަމަށް ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. މިއާދާ ހަމައަށް ގަމަށް ސައުތު އެފްރިކަން އެއާލައިންސް 7 ފްލައިޓް ވަނީ ޖައްސާފައެވެ. މިކަމާއި ގުޅިގެން ސައުތު އެފްރިކަން އެއާލައިނުން ބުނެފައިވަނީ، މިއީ އަދި ފެށުމެއްކަމަށާއި އަވަސް މުސްތަޤްބަލެއްގައި އިތުރު ފްލައިޓްތަށް ފެށުމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މިއަދު އައި ޓުއާ އޮޕަރޭޓަރުން އެކަން ފަހި ކޮށްދޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ސައުތު އެފްރިކަން އެއާލައިންސުން ބުނެއެވެ.

އައްޑޫސިޓީ އަށް ސައުތުއެފްރިކަން އެއާލައިންސް އުދުހުންތަށް ފަށާފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ ޗާޓަރ އުސޫލުން ވަކި އަދަދަކަށް ފްލައިޓުތަށް ބަހާލައިގެންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު ދަނީ، ސައުތު އެފްރިކަން އެއާލައިންސް ދެވަނަ ބުރުގެ ދަތުރުތަށް މާރިޗު މަހު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންނެވެ.