ޚަބަރު

އެކައުންޓަކުން 92،000 ރުފިޔާ ނެގި 2 މީހަކު ހައްޔަރުކޮށްފި


  • މި 2 މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

  • މި މައްސަލަ ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހު

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލަ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް އުމުރުން 23 އަހަރުގެ މުޙައްމަދު ފަޒީލާއި، ގދ. ފިޔޯރީ، ފައިންބީޗު އުމުރުން 23 އަހަރުގެ އަބްޝަރު ރަޝީދުއެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، އޮގަސްޓު 18 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ، ތަހުގީގު ކުރަމުންނެވެ. ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާ ނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރި ކުރުމާއި، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތް ކުރާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.