ޚަބަރު

އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މުއްސަނދި ޤައުމުތަކުން ކުރާ ޚަރަދު އިތުރުކުރަންޖެހޭ- މިނިސްޓަރ


ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް، މުއްސަނދި ޤައުމުތަކުން ކުރާ ޚަރަދު އިތުރުކޮށްދިނުމަށް މިނިސްޓަރ އޮފް އެންވަރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައިރީނާ އެސެމްބްލީގެ 9 ވަނަ ސެޝަންގައި ވާހަކަފުޅުދައަކަވަމުންނެވެ.

މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން އެންވަރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ، ދުނިޔޭގެ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން ވެފައިވާ ޕެރިސް އެގްރިމެންޓްގައި އެއްބަސްވެފައިވާކަންކަން ޙާސިލުކުރުމަށް ޤައުމުތަކުން ކުރަންޖެހޭ ހޭދަ އަވަސް ކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މިނިސްޓަރ ވަނީ ކުދި ޖަޒީރާ ޤައުމުތަކަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތައްކަން ފާހަގަކުރައްވާ، ޕެރިސް އެގްރިމެންޓްގައި އެއްބަސްވެފައިވާކަންކަން ޙާސިލުކުރުމަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވާފައެވެ.

މިމަހުގެ 11 އިން 13 އަށް އަބޫދާބީގައި ކުރިއަށްދާ އައިރީނާ އެސެމްބްލީގެ ހަވާސާގައި އެންވަރަމެންޓް މިނިސްޓަރވަނީ އެކި ޤައުމުތަކާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސް ފަރާތްތަކާވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ، އިންޓަރނޭޝަނަލް ސޯލާ އެލައެންސާއި، އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓާއި، އޭޝިއަން އިންފްރާންސްޓަރކަޗަރ އިންވެސްޓްމެންޓް ބޭންކްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ ވަނީ ރާއްޖެއަށް އެކި ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.