ކުޅިވަރު

ފެބްރިގާސް މޮނާކޯ އަށް ބަދަލުވެއްޖެ


އޭނާއާއެކު ކުރިން ކުޅުނު ފޯވަޑް ތިއޭރީ އޮންރީ ކޯޗުކޮށްދޭ ފްރާންސްގެ މޮނާކޯ އަށް ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ސޮއިކޮށްފި އެވެ.

ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި މޮނާކޯ އަށް ސޮއި ކުރުމަށްފަހު ފެބްރިގާސް ބުނީ އޭނާ އެކުލަބަށް ދިޔައީ ތަފާތު އަމާޒެއްގައި ކަމަށެވެ. އެއީ މޮނާކޯ އަށް ކުރިއެރުން ހޯދައިދީ އެކުލަބަށް ތަށި ހޯދައިދޭން ކަމަށެވެ.

މޮނާކޯގެ މިހާރުގެ ކޯޗު އޮންރީ އަކީ އާސެނަލް އާއި ބާސެލޯނާގައި ފެބްރިގާސްއާއެކު ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން މިހާރު 31 އަހަރުގެ ކުޅުންތެރިޔާ ބުނީ އޮންރީއާއެކު އަލުން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސްޕޭނަށް ދެ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފެބްރިގާސް ބާސެލޯނާ ދޫކޮށް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭނާ އަށް މިހާރު ޗެލްސީގެ ފުރަތަމަ 11އިން ޖާގަ ނުލިބެ އެވެ.

މޮނާކޯއިން ފެބްރިގާސް ސޮއިކުރުމުން ޗެލްސީ އަށް އެކަމުގެ ފީއެއް ނުދޭނެ އެވެ. ދޭނީ ފެބްރިގާސް ދައްކާ ކުޅުމަށް ބަލާފައި އޭނާގެ ފަރާތުން ލިބޭ ކުރިއެރުމަށް ބޯނަސްއެކެވެ.