ޚަބަރު

ސްކޫލްތަކަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ތަޢާރަފްކުރަނީ


ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔެވުމުގައި އިތުރު އެހީތެރިކަން ދިނުމަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ ތަޢުލީމު ދިނުން ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭކަމަށެވެ. އެގޮތުން ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔެވުމުގައި އިތުރު އެހީތެރިކަން ދިނުމަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރުގައިދެމުންދާ އިންޑިއާގެ ކުންފުންޏަޔާ ގުޅިގެން މިކަމާގުޅޭ އެޕްލިކޭޝަނެއް ސްކޫލްތަކަށް ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އެޕްލިކޭޝަން ރާއްޖޭގެ ސްކޫލްތަކަށް ތަޢާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާތައް ނިމިފައިވާކަމަށާއި، ވަރަށް އަވަހަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ޓެބްލެޓްތަކަށް ލިބޭނެކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، ތަފާތުު ފޮތްތަކާއި، އިލްމީ ހޯދުންތަކާއި، އެކި މާއްދާތައް ކިޔެވުމަށް ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޑިޖިޓަލް ލައިބްރަރީއަކީ ވަރަށް މުހިންމު އެއްޗެއް. މި ގެންނަ އެޕްލިކޭޝަންގެތެރެއިން ކުދިންގެ ކިޔެވުމަށް ބޭނުންވާ އެކި އެކި ފޮތްތަކާ މަޢުލޫމާތާ ލަރނިންގ ގޭމްތައްވެސް ލިބޭނެ." ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޓެބްލެޓަކީ ކިޔެވުމުގައި ދަރިވަރުންނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ތަޢާރަފްކުރި ގެޖެޓެކެވެ. އެގޮތުން މިހާތަނައްވަނީ ގްރޭޑް ދެއަކުން މަތީގެ ހުރިހާ ގްރޭޑްތަކަށް ޓެބްލެޓް ހަވާލުކޮށްފައެވެ. ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަން ފަށާފައިވަނީ މިދިޔަ އަހަރުގެތެރޭގައެވެ. އެގޮތުން މިހާތަނަށް ގްރޭޑް ދެއަކުން މަތީގެ ހުރިހާ ގްރޭޑްތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެއެވެ.