ޚަބަރު

މަޝްވަރާ ދޫކުރައްވާ ޓްރަމްޕް ވަޑައިގަތުން؛ ބޯޑަރ މައްސަލައިގައި އަލި މަގެއް ނުފެނުނު


އެމެރިކާގެ ބަޖެޓާ މެދު އެ ޤައުމުގެ ސަރުކާރާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާ ދެމެދު މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްވަރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކިވަޑައިގެންފިއެވެ. މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި، ނޮވެމްބަރު މަހު އެ ޤައުމުގެ މިޑްޓަރަމް އިންތިޚާބު ކާމިޔާބުކޮށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އަޣުލަބިއްޔަތު ނަގާފައިވާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރޭނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެވަޑައިގަންނަވާ ފާރުގެ މައްސަލައެވެ.

އެމެރިކާ ބައްރުގެ އެހެން ޤައުމުތަކުން އަންނަ ހިޖުރަވެރިން މެކްސިކޯ ހުރަސްކޮށް އެމެރިކާއަށް ޤަވައިދާ ޚިލާފަށް ވަންނަ މައްސަލަ ޙައްލު ކުރެއްވުމަށް، 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ޓްރަމްޕްހުށަހެޅުއްވި ހައްލަކީ ދެގައުމުގެ ދެމެދު އުސް ފާރެއް ރޭނުމެވެ. މި ކަމަށް ފަސް ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިކަމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފައެވެ.

ރައްދުގައި ޑިމޮކްރެޓިކް ޕާޓީއިން ބުނެފައިވަނީ، މިހާ ބޮޑު ޢަދަދެއް ދެއްކުމަށްފަހު މިކަން ކުރުމަކީ ޤައުމަށް ފައިދާވާނެ ކަމެއް ނޫންކަމަށެވެ. މި މައްސަލައާ ގުޅިގެން ދެފަރާތުގެ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ބައެއް ޚިދުމަތްތައްވެސް މިވަނީ މެދުކެނޑިފައެވެ.

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއްސުރެ ސަރުކާރުގެ އެކި މުވައްސަސާތަކަށް ލިބިގެންޖެހޭ ފައިސާ ނުލިބުުމުގެ ސަބަބުން ސަރުކާރުގެ ނުވަ އިދާރާއެއްގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މި ހަފުތާގައި ސަރުކާރުގެ އަށް ސަތޭކަ ހާސް މުޒައްވަފުންނަށް މުސާރަ ނުދެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި، ދެ ޕާޓީގެ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލުމުގެ ނިޔަތުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަކިވެވަޑައިގެންފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށު ގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ނޭންސީ ޕެލޯސީ އާއި، މަޖިލީހުގެ މަތިގެ ސެނެޓްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެމްބަރުގެ ލީޑަރު ޗަކް ޝޫމަރއާއެކު ވައިޓްހައުސްގައި ކުރިއަށްގެންދެވި މަޝްވަރާތައް ދޫކުރައްވާ ނިކުމެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، މިއީ ބޭކާރު މަޝްވަރާތަކެއްކަމަށެވެ.

ސަރުކާރުން ދޫދީގެން، ކުރިއަށް އޮތް ތިރީސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަލުން ފައްޓަައިފިނަމަ މި ފާރު ރޭނުމަށް ހުއްދަ ދޭނަންތޯ އެހުމުން ޑިމޮކްރެޓިކް ލީޑަރުން މިކަމާ ދެކޮޅު ހައްދަވާފައިވާ ކަމަށާއި، މަޝްވަރާ ދޫކުރައްވާ ނިމުމެވަޑައިގަނތީ މި ސަބަބާ ހުރެ ކަމަށް، ޓްރަމްޕް ވިދާޅުވިއެވެ.