ޚަބަރު

ނޮޅިވަރަމްގައި ކުނިއަޅާނެ ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފި


ހދ. ނޮޅިވަރަމްގެ އެކި ސަރަހައްދުތަކުގައި ހުރި ކުނިގޮނޑުތައް ނަގައި ކުނި އަޅާނެ ވަކި ސަރަހައްދުތަކެއް ކައުންސިލުން ކަނޑައަޅައިފިއެވެ.

ހދ. ނޮޅިވަރަމްގައި ކުނި އަޅާނެ ވަކި ތަނެއް މީގެކުރިން ކަނޑައަޅާފައި ނުވާތީ، އެރަށު ގޭބީސީ ތަކުގައި އުފެދޭ ކުނި އުކަމުން ދިޔައީ ރަށުގެ އެކި ހިސާބުތަކަށެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށް އެކަން ރައްޔިތުންނާ ޙިއްޞާކޮށްފައިވާ ކަމަށެވެ. ކުނި އަޅާނެ ދެ ސަރަހައްދެއް ކައުންސިލުން މިހާރު ކަނޑައަޅާފައިވާއިރު ގަވައިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަމަށް ދިމާވެފައިވާ ކުނީގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާކަމަށާއި، ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުނި މިހާރު ނަގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލުން މައުލޫމާތުދެއެވެ. މިކަމަށް ޚާއްޞަ އުސޫލުތަކެއް އެކަށައަޅައި ތަންފީޒުކުރާނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ނޮޅިވަރަމްގައި ކުނި އެޅުމަށް ޚާއްޞަކުރި ދެ ސަރަހައްދަކީ އެރަށު އުތުރު ކޮޅާއި ބަނދަރުގެ ދެކުނު ކުޅި ކައިރިއެވެ.

ކުނި މެނޭޖް ކުރުމުގެ މައްސަލައަކީ މުޅި ރާއްޖޭގައިވެސް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކޮށް ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައެއް ނޯވެއެވެ. ކުނި ގިނަވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތެއް ފަށާފައެވެ.