ޚަބަރު

ފަނޑިޔާރުންނާއި ގޭންގްތަކާއި ގުޅުން އޮތްތޯ ޖޭއެސްސީން ބަލަނީ


ފަނޑިޔާރުންނާއި ގޭންގްތަކާއި ގުޅުން އޮންނަކަމަށް ވިދާޅުވެ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ދައްކަވާފައިވާ ވާހަކަތަކުގެ ހަޤީޤަތް ދެނެގަތުމަށް ޖޭއެސްސީން ކޮމިޓީއެއް އެކުލަވާލާ އެ މަސައްކަތް ފަށްޓަވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަނޑިޔާރުން ޢައްޔަންކުރުމުގައާއި، ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ދައްކާފައިވާ ވާހަކަތަކުގެ ހަޤީޤަތް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާއި، އެ މަސައްކަަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 މާއްދާގެ (ހ) ގައި ބަޔާނކުރާ ގޮތުގެމަތިން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، އެ މާއްދާގެ (ށ)ގައި ވާގޮތުގެ މަތިން ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހަށައަޅާންޖެހޭ ފަރާތްތަކަށް ހޫށައެޅުމަކީ ޤާނޫނީ ގޮތުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތެއްކަމަށެވެ.

ޙުސްނުއްސުޢޫދު ފަނޑިޔާރުންގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކޮށްފައި ވީނަމަވެސް ޖޭއެސްސީ އިން ފަނޑިޔާރުން ޢައްޔަނުކުރުމުގެ މަސައްކަތް ކުރަމުންދާގޮތާއި، ފަނޑިޔާރުންނާއި ގުޅޭގޮތުން ނުރަނގަޅު ތަޞައްވުރެއް އެފުދޭގޮތަށް، އެއިން އެއްވެސް މަޢުލޫމާތެއް އެ ކޮމިޝަނަށް ހިއްސާކުރައްވާފައި ނުވާކަމަށެވެ. އަދި އެފަދަ ވާހަކަތައް އެ ކޮމިޝަނާ ޙިއްސާކުރުމެއް ނެތި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ފަރާތުން އެފަދަ ވާހަކަތަކެއް މީޑިއާއަށް ޢާންމުކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއްކަމަށްވެސް އެ ނޫސްބަޔާނުގައިވެއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާގެ ހުރުމަތާއި، ރައްކާތެރިކަމަށް ހުރަސްއެޅޭ، އަދި ފަނޑިޔާރުންނާ މެދު ޢާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމާއި، ނުތަނަވަސްކަން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް ޖޭސްސީ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ، މަރުގެ މައްސަލަތަކުގެ ތަޙްޤީގުތައް ކިތަންމެ ރަނގަޅަށް ކުރިއަށްގެންގޮސް ކޯޓަށް ފޮނުވިނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފުލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ޙުސްނުއްސުޢޫދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގިނަ މަރުގެ މައްސަލަތަކެއް ކޯޓުން ސާބިތުނުވެ، ދޫވުމުގެ ސަބަބުން އިންސާފައް ވާސިލު ނުވެވޭކަމުގެ އިހްސާކުރެވިގެން ވަރަށް ގިނަ ބަޔެއްގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ.

ޙުސްނުއްސުޢޫދު ވިދާޅުވީ ކޯޓުގެ ނިޒާމުގެ ތެރެއިން، ކޯޓުގެ މުވައްޒަފުންނާއި، ބައެއް ފަނޑިޔާރުން ކޮންމެވެސް ވަރަކަށް ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތުނުކޮށް އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާފައި އެބަހުރިކަމަށާއި، ހެކިންނަށް ބިރުދެއްކުމާއި، ހެކިންގެ ސިއްރު ފާޅުކުރުންފަދަ ކަންބޮޑުވާ އެތައް ކަންތައްތަކެއް އެބްހުރިކަމަށެވެ.