ސިޔާސީ

އިންޑިއާގާއި ހުންނަވާ ދިވެހި ސަފީރާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި


އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް ޢާއިޝަތު މުހައްމަދު ދީދީ ޢާއްޔަންކުރެއްވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދުއޮތް ރަޙުމަތްތެރިގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.