ޚަބަރު

ވަކި މަންފާއެއް ހޯދަން ކުންފުނިތަކަށް ދެމުންދިޔަ ގެއްލުންތައް ނިމުމަކަށް


  • އިންތިޚާބާ ދިމާކޮށް ވަޒީފާ ދީފައިވަނީ ޓެކްނިކަލް ނޫން މުވައްޒަފުން

  • ޒިންމާއެއް ނެތި ވަޒީފާގައި ތިބުމަކީ ޚަރަދު ބޮޑުވާ ސަބަބެއް

  • މަސްވެރިކަމާއި އަމިއްލަ މަސައްކަތްކުރި މީހުން ވަޒީފާތަކަށް ދިއުމުން އުފެއްދުންތެރިކަން ދަށްވޭ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުހިންމު ޒިންމާއެއް އަދާކުރާ ބައެކެވެ.

ކޮންމެ ކުންފުންޏަކަށް ކަނޑައަޅާ ބަޖެޓާއި އަދި އެތަނެއްގެ ޢާމްދަނީގެ ނިސްބަތުން ކުންފުނި ހިންގުމުގެ ޤާބިލުކަން ކޮންމެ ކުންފުންޏެއްގެ ހުންނަންޖެހެއެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް ކުންފުނިތައް ހިންގަނީ ގެއްލުމުގައި އަދި ސަރުކާރުން ސަބްސިޑީ ފޯރުކޮށްދީގެންނެވެ. ކުންފުނިތައް ހިންގުމުގައި ތަފާތު އެކި މައްސަލަތައް ދިމާވެއެވެ. އެގޮތަށް ދިމާވަނީ ހިންގުން ހަރުދަނާ ނުވުމާއި ކޮރަޕްޝަންގެ ސަބަބުންނެވެ.

ކޮންމެ އިންތިޚާބަކާ ވަޒީފާތައް ދޭ ވާހަކަތަކުގެ އަޑުއިވެއެވެ. މިއީ ވަކި ދުވަސްވަރެއްގައި ފަތުއަޑުކިޔައި ފެތުރުމަށްފަހު ދެން އަޑު ކެނޑިގެންދާ ވާހަކަތަކެކެވެ. އެގޮތަށް ކަންކަން ހިގަމުންދަނިކޮށް، އަދުގެ ސަރުކާރުންވަނީ، ގެއްލުމުގައި ހިންގާ ކުންފުނިތަކާއި، ދަނަރަނީގެ ދަންތުރައިން ސަލާމަތްވާން ކުރާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ނާންނަ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށް ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ މަސައްކަތް ފަށާފައެވެ. އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް އެއީ ކުންފުނި ހިންގުމަށް އެނޫންގޮތެއް ނެތިގެން އަޅަން ނިންމި ފިޔަވަޅުތަކެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ފެނަކަ ރަނގަޅުކޮށް ހިންގުމަށްޓަކައި މަސައްކަތްތަކެއް މިވަނީ ކުރެވިފައި. އެހެންނަމަވެސް، ފަންނީ ބޭފުޅުން ވިދާޅުވާގޮތުން، އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރެވޭނެ ކަމަކަށްނުވޭ. އެހެންވީމާ، ސަރުކާރުން މިކަމާ ބެހޭގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކުރުމަށްފަހު، މިހާރު ނިންމާފައި މިވަނީ، ކުރިންވެސް އަޅުގަނޑުމެން ނިންމިން ނިންމުމެއް. އެކަމަކު އެކަމުގައިވެސް ޕްރެކްޓިކަލީ ކުރިއަށް ގެންދިޔުމުގައި ދަތިތައް ދިމާވި" ރައީސް ވިދާޅުވިއެވެ.

ވަޒީފާއިން މުވައްޒަފުން ވަކިކުރާކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެށީ ސަރުކާރު ބަދަލުވުމާއެކު 2023 ވަނަ އަހަރު ފެނަކައިގެ މުވައްޒަފުން ވަކިކުރަން ފެށުމުންނެވެ. އޭރުގެ މެނޭޖްމަންޓުން ހާމަކުރިގޮތުގައި އިންތިޚާބާ ދިމާކޮށް ފެނަކައަށް ނަގާފައިވާ އެތައް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ހަމަވެފައިވާކަމަށެވެ.

މަސައްކަތެއް ނެތި ގިނަ ޢަދަދެއްގެ މުވައްޒަފުން ކުންފުނިތަކުގައި ތިބިކަމުގެ ކަންބޮޑުވުން ގިނަ ރަށްރަށުގައި އޮތްކަމީ ހަގީގަތެކެވެ. އެގޮތުން 1000 މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި ފެނަކަ އޮފީސްތަކުގައި ބޭނުންވާ ޢަދަދަށްވުރެ ގިނަ މުވައްޒަފުން މަސައްކަތެއް ނެތި ވަޒީފާގައި ތިބިކަން އޮޑިޓް ރިޕޯޓުންވެސްވަނީ ހާމަވެފައެވެ. މަސައްކަތެއް ނެތި ކޮންމެ މަހަކު ކުންފުނީގެ ޚަރަދުތަކުގެ ތެރޭގައި އެފަދަ އެތައް މުވައްޒަފުންނެއްގެ މުސާރަ ހިނގާނަމަ އެއީ، ކުންފުންޏަށް އުފުލަންޖެހޭ މާލީ ބޮޑު ބުރައެކެވެ.

ކުންފުނިތަކަށް ނަގާފައި ތިބި މުވައްޒަފުންގެ ތެރޭގައި ޓެކްނިކަލް މީހުން ނެތުމަކީވެސް މައްސަލައެކެވެ. ކުންފުނީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފެންވަރު ނެތް މީހުން، ސިޔާސީ މަންފާއަށްޓަކައި ކުންފުނިތަކަށް ނެގުމުގެ ނަތީޖާއަކީ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ނެތް މީހުން ކުންފުނިތަކުގައި ގިނަވުމެވެ.

މީހުން މަދުކުރުމުގެ އިތުރުން ކުންފުނިތަކުގެ ތެރޭގައި ހުރި އެއްގޮތް މަސައްކަތްކުރާ ކުންފުނިތައް އެއްކޮށްލުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އެގޮތުން ހަމައެކަނި މަގު ހެދުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ އާރްޑީސީ އުވާލާ ސަރުކާރުންވަނީ އެކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މިއާއެކު މަސައްކަތެއް ނެތި ތިބި މުވައްޒަފުންގެ ނިސްބަތް ބޮޑުތަނުން މަދުކުރެވޭނެއެވެ.