ޚަބަރު

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. ޙުސައިން ފާއިޒް ހަމަޖައްސަވައިފި


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. ޙުސައިން ފާއިޒް ހަމަޖައްސަވައިފިއެވެ. ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ޑރ. ޙުސައިން ފާއިޒް އައްޔަންކުރައްވާފައިވަނީ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މިއަދުން ފެށިގެން ޑރ. ޙުސައިން ފާއިޒް ޢައްޔަންކުރައްވާފައިވާއިރު، ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުމެވެ.

މީގެއިތުރުން ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުމާއި، އެކުލަވައިލެވޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމަކީވެސް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތް ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.