ޚަބަރު

ރައީސް ޔާމީން ހާޒިރުކުރީ މަނީލޯންޑްރިންއާއި ދައުލަތުގެ އިދާރާތަކަށް ދޮގުމަޢުލޫމާތު ދިންކަމުގެ ތުހުމަތުގައި- ފުލުހުން


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފައިވަނީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް އެފައިސާގެ މައްސަލަތައް ތަޙްޤީގުކުރި އިދާރާތަކަށް ދޮގުމައުލޫމާތު ދީފައިވާކަމުގެ ތުހުމަތުގައި ކަމަށް މޯލްޑިވްސް ޕޮލިސްސަރވިސުން ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 4 ގަޑިއިރުވަންދެން ސުވާލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ވިދާޅުވީ، ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ޙާޒިރުކޮށް މިހާރު ތަހްޤީޤު ހިންގަމުންދާ މައްސަލަތަކުގައި އެއްވެސް ބުރަދަނެއް އޮތްކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ.

ފުލުހުން ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރެވުނީ، އެމް.އެމް.ޕީ.އާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި، ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނައަދަދެއްގެ ފައިސާ ރައީށް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ، ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙްޤީގާއި ގުޅިގެން ހިންގި މުއާމަލާތްތަކުގައި ރައީސް ޔާމީން ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތުދެއްވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލުކުރުމަށްކަމަށެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމާއި އެތުހުމަތުތައް ބިނާކުރާ ޤާނޫނީ މާއްދާތަކާއި، ތުހުމަތުގައި ސުވާލުކުރެވޭ ފަރާތައް އަންގަންޖެހޭ ޤާނޫނީ އިންޒާރު އިއްވައި ކަންކަން ފަހުމްވިކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ރައީސް ޔާމީން މީޑިއާއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެމަނިކުފާނާއި ސުވާލުކުރީ އެސް.އޯ.އެފް ނަމަކަށް ކިޔާ ކުންފުންޏަކުން އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އެމަނިކުފާނާއި އެންޓިކޮރަޕްޝަން ކޮމިޝަނާމެދު ވެފައިވާ އެގްރީމެންޓާއި ޚިލާފަށްކަމަށް އޭ.ސީސީން ކުރާ ތުހުމަތުތަކާއި ގުޅިގެންކަމަށެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތުގައި ރައީސް ޔާމީން ދެފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، މި މައްސަލާގައި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ބާވީސް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.