ޚަބަރު

ވިއްސާރައިގައި ފުވައްމުލައް ސިޓީގައި ފެންބޮޑުވެ ފެން ހިއްކައިފި


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފުވައްމުލައް ސިޓީގައި ފެންބޮޑުވެ، ފެން ހިއްކުމަށް ރަށުގެ ތިން ފަރާތަކުން ހަދާފައިވާ ކާނުތައް ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ކާނުތައް ހުޅުވައި ފެން ބޭރުކުރަން އިއްޔެ ފަށައި، މާލެގަން، ހޯދަނޑު އަދި ދަނޑިމަގު އަވަށު ކާނުތައް ހުޅުވާލާފައިވާކަމަށެވެ. ސިޓީ ކައުންސިލުން ބުނީ ކާނުތައް ހުޅުވާލުމަށް ނިންމީ ރަށުގައި ފެނބޮޑުވެ، ގޭގެއަށް ފެންވަދެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ފުވައްމުލައް ސިޓީގެ މެދުތެރޭގައި ކުޅިތައްކާއި، ޗަސް ބިންތައް ހުންނާތީ، ވިއްސާރައިގައި ފެންބޮޑުވެއްޖެނަމަ ފެން ފައިބަނީ މިތަންތަނެށެވެ. އެހެންކަމުން އެރަށުން ފެން ހިއްކުމަށް ރަށުގެ 4 ފަރާތުގައި މޫދަށް ފެން ބޭރުވާގޮތަށް ކާނުތައް ހަދާފައި ހުރެއެވެ. ނަމަވެސް މިހާރު ބޭނުންކުރެވޭ ފަދަ ހާލަތެއްގައިހުރީ މާލެގަން، ހޯދަނޑު އަދި ދަނޑިމަގު އަވަށު ކާނެވެ. ފުނާޑު އަވަށުގެ ކާނު ފުވައްމުލަކު އެއަރޕޯޓް ހެދިފަހުން ބޭނުން ނުކުރެވެއެވެ.