ޚަބަރު

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ކުރާނެ


ލޯކަލް ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާއެކު، މުހިއްމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިއަހަރު ޚާއްސަ އިސްކަމެއްދީގެން ކުރަން ނިންމާފައިވާ މުޙިއްމު ކަންތައްތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް ފާސްކުރާ ބަޖެޓުގެ ތެރެއިން އެ އަހަރަކު ޚަރަދުނުކުރެވި ހުންނަ ފައިސާ އެކައުންސިލެއްގެ އާމްދަނީގެ ގޮތުގައި ހަމަޖައްސާނެ އުސޫލެއް ޤާއިމްކޮށް، މިއަހަރުން ފެށިގެން އެފައިސާ ކައުންސިލްތަކަށް ދިނުން ހިމެނޭކަމަށެވެ. އަދި ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވައި، ފިސްކަލް ޑީސެންޓްރަލައިޒޭޝަނެއް ގެނައުމަށްޓަކައި މިނިސްޓްރީގައި ޚާއްސަ ޔުނިޓެއް ޤާއިމްކުރުމަށް ނިންމާފައިވާއިރު، އެކަމަށްޓަކައި މާލިއްޔަތު ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރު ކުރުމަށް ނިންމާފައިވާ މުހިއްމު އެހެން މަސައްކަތްތަކުގެ ތެރޭގައި ދަޢުލަތުގެ މިލްކިއްޔާތުގައިވާ ބިންތަކާއި ޢިމާރާތްތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ހުރިހާ ބައިތަކެއް ފުރިހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ބިލުތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ނިޒާމް ހަރުދަނާކޮށް، އެފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު މިހާރަށްވުރެ ގާތުން، ހަރުދަނާ ގޮތެއްގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް ފިނޭންސް މިނިސްޓްރީގެ އަމާޒެކެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން އަވަސްކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްކުރުމަށް ބަޖެޓާއި ގުޅޭގޮތުން ބަނޑޭރި ޕޯޓަލްއިން ކުރަމުންދިޔަ މަސައްކަތްތައް، ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ބީ.ޕީ.ސީ މޮޑިއުލް މެދުވެރިކޮށްކުރުމަށް ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރު ގިނަ މަސައްކަތްތައް ކުރުމަށް ރާވާފައިވާއިރު، ނިމުނު އަހަރަކީވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ކުރުމަށް ނިންމާފައިވާ މައިގަނޑު 5 މަސައްކަތެއްގެ ތެރެއިން 3 މަސައްކަތެއް ވަނީ ފުރިހަމަކޮށްފައެވެ. އެއީ ޕޭކޮމިޝަން މެދުވެރިކޮށް ސަރުކާރު މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމާއި އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕޮންސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުމާއި، ދައުލަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތަކުގެ މުއާމަލާތްތައް އަލުން މުރާޖައާކުރުމެވެ.

100 ދުވަހުގެ ތެރޭގައި ކުރުމަށް ފިނޭންސް މިނިސްޓްރީއާ ޙަވާލުކޮށްފައިވާ މަސައްކަތުގެ ތެރެއިން ފުރިހަމަނުވެ އޮތީ ދެ މަސައްކަތެވެ. އޭގެ ތެރެއިން ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖައްދެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ގްރީން ޓެކްސް ނެގޭ ގޮތާއި އެފައިސާ ހަރަދު ކުރެވޭނޭ ގޮތް ތަފްސީލުކޮށް ދެފުށް ފެންނަ ގޮތަކަށް ހާމަކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.