ވިޔަފާރި

ގެސްޓް ހައުސްތަކުގެ އެސެސްމަންޓެއް ހަދަނީ


ގެސްޓްހައުސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކާ، އެ ތަންތަނުގެ އެސެސްމަންޓެއް އިކޮނޮމިކް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ހެދުމަށް ނިންމާފައިވާކަމަށް ރެޖިސްޓްރާ އޮފް ކޮންޕެނީޒް، މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ގެސްޓްހައުސް މަހާސިންތާގައި ވާހަކަ ދައްކަވަމުން ވިސާމް ވިދަޅުވީ ކުދި ވިޔަފާރިތަށް ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މިހާރުވެސް އިކޮނޮމިކް މިނިސްޓްރީން އެސްއެމްއީ ޤަނޫނު މުރާޖާކޮށް، އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ގެސްޓްހައުސްތަކުގެ އޮޑިޓެއް ހެދިފައި ނުވާތީ، ގެސްޓް ހައުސްތަކުން ދޭ ޚިދުމަތުގެ ފެންވަރު ބެލުމަށާއި، ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވެފައިވާ ދަތިތަށް ދެނެގަނެ، ގެސްޓްހައުސްތައް ގިންތި ކުރުމަށް އެސެސްމަންޓެއް ހެދުމަށް މިހާރު ނިންމާފައިވާކަމަށް ރަޖިސްޓަރ އޮފް ކޮމްޕެނީޒް ވިދާޅުވިއެވެ.

މިއެސެސްމަންޓް ކުރިއަށްގެންދާނޭ ތާރީހާއި އިތުރު ތަފްސީލް އަވަސް މުސްތަޤްބަލެއްގައި ޓުއަރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޓުއަރިޒަމް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބޭއްވި މަހާސިންތާގައި ޓުއަރިޒަމް މިނިސްޓްރީން ވަނީ ގެސްޓްހައުސް ވިޔަފާރިކުރިއެރުވުމަށް މުހިއްމު ކަންތައްތަކެއް ކުރުމަށް ނިންމާފައެވެ.