ވިޔަފާރި

ގެސްޓްހައުސްތަކުންދޭ ޚިދުމަތް އެއް ފެންވަރެއްގައި ހިފެހެއްޓުމަކީ މުހިއްމުކަމެއް


ގެސްޓްހައުސްތަކުންދޭ ޚިދުމަތް އެއް ފެންވަރެއްގައި ހިފެހެއްޓުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު ކަމެއްކަމުގައި އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.
ނިމިގެންދިޔަ ގެސްޓްހައުސް މަހާސިންތާގެ ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ޠޮއްޔިބު މުހައްމަދު ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ކިތަންމެ ވަރަކަށްވެސް ރާއްޖޭގެ ފަތުރުވެރިކަން މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރެވިދާނޭކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ކޮލިޓީ ނުހިފެއްޓުމުގެ ސަބަބުން ދެން ދިމާވެދާނޭ މައްސަލަތަކުގެ ސަބަބުން މުޅި ދާއިރާއަށް އޭގެ އަސަރު ކުރާނެކަމަށް ޠޮއްޔިބު ވިދާޅުވިއެވެ. އެހެންކަމުން ގެސްޓްހައުސްތަކުގެ ކޮލިޓީ އެއް ފެންވަރެއްގައި ހިފެހެއްޓުމުގެ މުހިންމުކަން ތައްޔިބު ފާހަގަކުރެއްވިއެވެ. މިކަން ކުރެވޭނީ ގެސްޓްހައުސްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"
"ރާއްޖޭގައި މިއޮތް ގެސްޓްހައުސް ޕްރޮޑަކްޓް ކޮންމެސްވަރަކަށް ކޮލިޓީ ހިފަހައްޓަންޖެހޭ..އެއީ ތިބޭފުޅުންނަށް ކުރެއްވޭނެ ކަމެއް.. މިކަން ހަމައެކަނި ކުރެވޭނީ ސަރުކާރުގެ ވުޒާރާތަކަކަށް ނޫން.. ގެސްޓްހައުސް ވިޔަފާރިތަކަށްވެސް ކުރެވޭނެ ކަންތައްތައް އެބަހުރި. ބޮޑަށް ޓްރިޕް އެޑްވައިޒަރ ފަދަ ތަންތަނުން މިފަދަ ކަންކަމަށް އެބަ ބަލާވަރަށްބޮޑަށް. މިސާލަކަށް ބުނާނަމަ، ފުޑް ސެކިއުރިޓީ، ފުޑް ކޮލިޓީ، ތަނުގެ ސާފުތާހިރުކަމާ، ހިދުމަތްދޭ ގޮތް މިއީ ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަންކަން"
ޠޮއްޔިބު މުހައްމަދު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު

ޠޮއްޔިބު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިތަކުންދޭ ޚިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުގެ ވުޒާރާތަކުން ދޭން ޖެހޭ އެއްބާރުލުން ދެމުންދާނެކަމަށެވެ. މިގޮތުން މިކަމުގައި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކުންވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރުން މުހިންމުކަމަށް ޠޮއްޔިބުވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ތައާރަފްވެގެން އައިސްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ވަލާއިރު ރާއްޖޭގައި މިހާރު ފައްސަތޭކައަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުންދެއެވެ.