ޚަބަރު

އަމީރް އަޙްމަދު މަގު އާއްމު ދަތުރުތަކަށް ހުޅުވާލައިފި


އަމީރް އަޙްމަދު މަގު އާއްމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. އެމަގު އާއްމު ދަތުރުތަކަށް ހުޅުވާލާފައިވަނީ މިއަދު ހަވީރު ފަސްގަޑިތިރީހުން ފެށިގެންނެވެ.

އަމީރް އަޙްމަދު މަގު އާއްމު ދަތުރުތަކަށް ހުޅުވާލުމުން، އެމަގުން އެންމެ ފުރަތަމަ ދަތުރުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑެވެ. ރައީސްގެ މޮޓޯ ކޭޑް ވަނީ އަމީރް އަޙްމަދު މަގުގައި އަލަށް ހުޅުވި ސަރަޙައްދު ހުރަސްކޮށް ދަތުރު ކުރައްވާފައެވެ.

އަމީރް އަހްމަދު މަގު އާންމު އެއްގަމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ އެސަރަޙައްދުގައި ކުރިންޖަހާފައިވާ މާބްލްތައް ނެއްޓުމަށްފަހު، ގާއަތުރައިގެން އަލުން ތަަރައްޤީކުރުމަށްފަހުގައެވެ. ތިން އަހަރަށްފަހު އެމަގު އާއްމު ދަތުރުތަކަށް ހުޅުވާލާފައިވާއިރު އެސަރަޙައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އަމީރް އަޙްމަދު މަގު ބަންދުކުރި ހިސާބު ހުޅުވާލުމުން އެމަގާއި އޯކިޑް މަގު ގުޅޭ ސަރަހަދުން އުނދުތަކަށް ދުއްވޭނީ ހުޅަނގުން އިރަށެވެ. އަދި އޯކިޑްމަގުން އެމްއެމްއޭއާއި ދިމާލަށް މިހާރު ދަތުރުނުކުރެވޭގޮތަށްވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މިހާރު ސިފައިންގެ އިރުމަތީމަގާއި ރައީސް އޮފީހުގެ ހުޅަނގުގޯޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމައެކަނިި ދަތުރުކުރެވޭނީ އިރަށެވެ.

މި މަގު ހުޅުވާލާފައިވަނީ ބަދަލުތައް އިނގޭނެހެން އެސަރަޙައްދުގައި ޓްރެފިކް ނިޝާންތައްވެސް ހިމަނައިގެންނެވެ.

އަމީރު އަޙްމަދު މަގު އާއްމު ދަތުރުތަކަށް ހުޅުވާލުމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މަލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މަގު ހުޅުވާލިނަމަވެސް، މިސަރަހައްދަކީ ޢާއްމުން ހިންހަމަޖައްސާލުމަށް ގިނައިން އެއްވެ އުޅޭ ސަރަޙައްދަކަށްވާތީ މަގު ބޭނުންކުރާ ފަރާތްތަކަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭކަމަށެވެ.

"މި މަގުގެ މި ސަރަޙައްދުގައި ޕާކިން އޭރިއާއެއް ނުހުންނާނެ. ނަމަވެސް އެކި ސަރަޙައްދުތަކުގައި ޕާކިން އޭރިއާ ހެދުމަށް އެބަ މަސައްކަތްކުރަން. އަދި މަގުތަކުގެ ބާރުކުޑަކުރުމަށް މުދާ ލޯޑްކޮށް އަންލޯޑްކުރާނިގޮތުގެ ޕްލޭންވެސް އެބަކުރަން" މޭޔަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ މިނިސްޓްރީގެ ސިޔާސަތަކީ ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށްދިނުންކަމަށެވެ. އެގޮތުން މަގުތަކުގެ ޓްރެފިކްގެ މައްސަލައަށް ލުޔެއް ގެނެވޭނީ ހެދިފައިވާ ޤަވައިދުތަކަށް ކޮންމެ ފަރުދެއްވެސް ބޯލަނބައިގެންކަމަށް ރަފީޢު ވިދާޅުވިއެވެ.

"ޤަވައިދާއި އުސޫލަށް ބެލުން ވަރަށް މުހިންމު. މިއީ ހެވީ ޓްރެފިކް ސަރަަހައްދެއް. މިސްކިތް، ޕާކުތައް، އަދި ފަތުރުވެރިންވެސް ޖަމާވާ ސަރަޙައްދެއް މިއީ" ރަފީއު ވިދާޅުވިއެވެ.

އަމީރް އަހްމަދު މަގަށް ގެނައި ބަދަލަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، މާލޭޭ ސިޓީ ކައުންސިލާއި، ހައުސިންގ މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ. މި މަގުގައި އަލަށް ހުޅުވާލި ސަރަޙައްދަކީ އާއްމުން ގިނައިން އެއްވެ އުޅޭ ސަރަޙައްދަކަށްވާތީ އެމަގުގެ ތިން ސަރަަހައްދެއްގައި ވަނީ މަގު ހުރަސްކުރެވޭގޮތަށް ހަދާފައެވެ. އަދި އެ މަގުން ވެހިކަލް ދުއްވާއިރު ދޭންޖެހޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން ސްޕީޑް ބްރޭކަރުވެސްވެސްވަނީ ހިމަނާފައެވެ.