ޚަބަރު

ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ހަރަކާތުގައި ހެލްތު މިނިސްޓްރީން ބައިވެރިވެއްޖެ


އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ހަރަކާތުގައި މިނިސްޓްރީ އޮފް ހެލްތުން ބައިވެރިވެއްޖެއެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ޙަރަކާތުގެ ދަށުން ހެލްތް މިނިސްޓްރީގެ އަމާޒު އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ. މި ކެމްޕެއިންގެ ދަށުން ހެލްތް މިނިސްޓްރީގެ ހުރިހާ މުޢައްޒަފުންނަށް ބިއްލޫރި ފުޅި ބެހުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ އިތުރުން، ސިއްޙީ ގިނަ ގެއްލުންތަކެއްވެސް ކުރިމަތިވާކަމަށެވެ. އެގޮތުން ޕްލާސްޓިކްގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަބުން ކިޑްނީއާއި ކެންސަރުގެ ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް ދިރާސާތަކުންދައްކާކަންވެސް މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މި ޤައުމީ ހަރަކާތުގެ ދަށުން ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ނައްތައިލުމުގެ ހަރަކާތް ފަށާ، ކައިރި މުސްތަޤުބަލެއްގައި މިކަން ހާސިލްކުރަން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަކީ ގްރީން ހޮސްޕިޓަލުތަކަލަށް ހެދުމުގެ މަސައްކަތް ފަށާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށްހުރި ގެއްލުންވާއިރު، ޕްލާސްޓިކްގެ ސަބަބުން ސިއްޙީ ގިނަ ގެއްލުންތަކެއް ލިބޭ. އެގޮތުން މިކަމުގައި ރާއްޖޭގައި އެހާ ޑީޓެއިލް ދިރާސާކުރެވިފައިނެތަސް ދުނިޔޭގައި ކޮށްފައިވާ ދިރާސާތަކުން ކިޑްނީއާއި ކެންސަރުގެ ބަލިތަށް ޖެހުމަށް މަގުފަހިވާކަމަށް ދައްކާ. ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަކީ ގްރީން ހޮސްޕިޓަލުތަކަލަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރަމުން މިދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގައި 400 ވަރަކަށް ސްޓާފުން މަސައްކަތްކުރާއިރު، އަހަރެއްގެ މައްޗަށް ފަސް ލައްކަ ޕްލާސްޓިކް ފުޅި ބޭނުންކުރެވޭކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ޕްލާސްޓިކް ފުޅިއާއި ކޮތަޅު މަދުކުރުމަށް ޤައުމީ ފެންވަރުގައި ކެމްޕެއިންއެއް ފެށުމަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ދަނީ މި ކެމްޕެއިންގައި ބައިވެރިވަމުންނެވެ.