ޚަބަރު

މާލޭގައި ފެންބޮޑުވަނީ ފެންހިންދާ ނިޒާމު ޤާއިމުކޮށްފައިވާގޮތުން - އާޒިމް


މާލޭ މަގުތަކުގައި ފެންބޮޑުވަނީ މާލޭ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގައި މާލޭގެ ޙާލަތު ރަނގަޅަށް ދެނެގަނެފައި ނުވާތީކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގެ އަޑިން ޖުމްލަ 83 ނެޓްވޯރކެއް ޤާއިމުކޮށްފައިވާކަމަށާއި، މީގެތެރެއިން އެމްޑަބްލިއުއެސްސީގެ ބެލުމުގެ ދަށުގައިވަނީ ފެނާއި ނަރުދަމާގެ ނެޓްވޯރކްތައްކަމަށެވެ. އަދި ސްޓޯމް ވޯޓަރ ނެޓްވޯރކް ނުވަތަ މާލޭގެ މަގުތަކުން ފެން ހިންދާ ނިޒާމު ބަލަހައްޓަނީ ސަރުކާރުންކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވާ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭ ފެން ހިންދާ ސިސްޓަމް ޤާއިމުކުރުމުގައި މާލޭގެ ޙާލަތު ރަނގަޅަށް ދެނެގަނެވިފައި ނެތްކަމަށެވެ. އެގޮތުން ޕަމްޕް ސްޓޭޝަންތަށް ޤާއިމުކޮށްފައިވަނީ ގްރެވިޓީ ނެޓްވޯކްއާ ޚިލާފަށް، ޕަމްޕްތަކަށް ފެން އެޅޭގޮތަށް ނޫންކަމަށާއި، މިކަމުގެ ސަބަބުން މި ޕަމްޕް ސްޓޭޝަންތަކަށްވެސް ގެއްލުންތަކެއް ވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

ސްޓޯމް ވޯޓަރ ނެޓްވޯރކް ޤާއިމުކުރިއިރު އެމްޑަބްލިއުއެސްސީގެ ތަޖުރިބާކާރުންގެ އިރުޝާދު ސަރުކާރާ އޭރު ޙިއްޞާކޮށްފައިވީ ނަމަވެސް އޭގެ އެއްވެސް އިރުޝާދަކަށް އޭރުގެ ސަރުކާރުން ރިޢާޔަތްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"
"ފެން ހެދެނީ އަމީނީ މަގާ ވެސްޓްޕާކު ސަރަހައްދުގައި ކަމަށްވާއިރު އަޅުގަނޑުމެން ލަފާދިނިން އެ ސަރަހައްދުގައި ރަނގަޅުގޮތެއްގައި ޕަމްޕް ސްޓޭޝަންތަށް ޤާއިމުކުރަން. ޕަމްޕް ސްޓޭޝަންތަށް ޤާއިމުކޮށްފައިވަނީ ގްރެވިޓީ ނެޓްވޯކްއާ ޚިލާފަށް. މިކަމުގެ ސަބަބުން މި ޕަމްޕްތައް ޖެހި އެ ޕަމްޕްތައް ހަލާކުވެފައިވަނީ."
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު މެދުވެރިކޮށް ގުޅާލުމަށް ހަމަޖެހިފައިވާ މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅަންޖެހޭ ހޮޅިތައް ހުޅުމާލެއިން ފެށިގެން ހުޅުލެއާ ހަމައަށް އަޅައި ނިންމާފައިވާކަމަށެވެ. އަދި ބުރިޖު ހުރަސްކޮށް އަޅަންޖެހޭ ޕައިޕްތައް ނާޅައި ލަސްވަނީ ބުރިޖުގެ ކޮންޓްރެކްޓަރާއެކު މި މަސައްކަތްކުރާނެ ގޮތްތައް ނިންމިފައި ނުވާތީކަމަށް އާޒިމް ވިދާޅުވިއެވެ.

"ސިނަމާލެ ބްރިޖާއެކު ނިންމަން ކަނޑައަޅާފައިވާ މާލެ ހުޅުމާލެ ގުޅުވައިދޭ ވޯޓަރ ނެޓްވޯކްގެ މަސައްކަތުގެ ދަށުން އެމްޑަބްލިއުއެސްސީއިން އަޅަންޖެހޭ ޕައިޕްތައް ހުޅުލެއާއި ހަމައަށް އަޅާ ނިންމާފައިވާނީ. ބްރިޖްގެ ކޮންޓްރެކްޓަރާއެކު މިކަމުގެ މަޝްވަރާކުރަމުންދަނީ." އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން މާލެ އަދި ހުޅުމާލޭ ގޭބީސީތަކަށް ފޯރުކޮށްދެމުންދާ ވޯޓަރ ސަޕްލައި ފެނަކީ ބޭނުންކުރަން ރައްކާތެރި ފެންކަން ފާހަގަކުރައްވައި އެމްޑަބްލިައުއެސްސީގެ މެނޭޖިންގ ޑިިރެކްޓަރ ވިދާޅުވީ އެކުންފުނިން ފޯރުކޮށްދޭ ވޯޓަރ ސަޕްލައި ފެނަކީ އިތުރު ފިލްޓަރއަކާ ނުލައި ބުއިމަށްވެސް އަދި ކެއްކުމަށްވެސް ބޭނުންކުރަން އެންމެ އެކަށީގެންވާ ފެންކަމަށެވެ.