ޚަބަރު

އެންވަޔަރަމަންޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ބިއްލޫރި ފުޅިތަކެއް ހަދިޔާކޮށްފި


ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ސިޓީ ކައުންސިލަށް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ފުޅި ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަންއެވެ. ސިޓީ ކައުންސިލްގެ ފަރާރުން ފުޅިތަކާ ހަވާލުވެވަޑައިގަތީ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހަންމަދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖޭގައި އަންނަންއޮތް ޖީލުތަކަށް ރާއްޖޭގެ ތިމާވެށި ރަށްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެންކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ސިޓީ ކައުންސިލަށްވަނީ 100 އެއްހާ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ސިޓީ ކައުންސިލުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މާލެ ސިޓީގެ އެކި ހިސާބުތަކުން މޫދަށް ޕްލާސްޓިކް ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަންނަ އަހަރު ކުރީކޮޅު ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތެއް ސިޓީ ކައުންސިލުން ފަށާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ފަށާފައެވެ.