ނެދަލޭންޑްސްގެ ކޯޗު ޒަވީ ހަނާންޑޭޒްގެ އެސިސްޓެންޓް ކޯޗަކަށް އެ ގައުމުގެ ކުރީގެ ފޯވަޑް ރުޑްވޭން ނިސްޓެލްރުއި ހަމަޖައްސައިފި އެވެ.
ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑްގައި މޮޅަށް ކުޅުނު ފޯވަޑް ވަނީ ކޯޗެއްގެ ގޮތުގައި ވަގުތީ ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާއި އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ރަސްމީކޮށް ކޯޗިން ސްޓާފުން ހަމަޖައްސައި މަސައްކަތް ފެށުމުގެ ކުރިން ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ބުނީ އޭނާ ބޭނުންވަނީ ބޯޅަ ތިރިކޮށްގެން ކުޅުވަން ކަމަށެވެ.
"ބޯޅަ ތުރި ކުރުމަކީ އަހަރުމެންގެ އަމާޒެއް. އަދި ބޯޅައާއެކު ގިނަ ވަގުތު ތިބުމާއި މެޗު ކޮންޓްރޯލް ކުރުމަކީ އަހަރުމެން ކުޚުވަން ބޭނުންވާ ގޮތް،" ޒަވީ ބުންޏެވެ.
އޭނާ މިހާތަނަށް ކޯޗު ކޮށްދިން ބޮޑު ކުލަބަކީ އޭނާ ކުޅެ، ކެޕްޓަންކަން ކުރި ބާސެލޯނާ އެވެ. ޒަވީ ބުނީ އޭނާ އަށް ނެދަލޭންޑްސްގެ ކޯޗުކަން ލިބުނީ ޕެޕް ގާޑިއޯލާ އާއި އާނޭ ސްލޮޓް އެ މަގާމު ގަބޫލު ނުކުރުމުން ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ.
"އެ ދެ މީހުންނަށް ފަހު މި މަގާމު ލިބުމަކީ ވެސް ފަހުރެއް. އަހަރެން އެކަމާ ހާހެއް ނުވޭ. އެއީ މޮޅު ދެ ކޯޗުން. އަހަރެން މަސައްކަތް ކުރާނީ ޓީމު ކުރިއަރުވަން،" ޒަވީ ބުންޏެވެ.
އޭނާގެ ފުރަތަމަ މެޗަކަށްވާނީ ޖަރުމަނާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗެވެ.