ޚަބަރު

ސިޓީން ސަވީނިއޯ ޓޮޓްނަމް އަށް ވިއްކާލައިފި


މި ސީޒަނުގައި ބޮޑު ހޭދައެއް ކުރަމުންދާ ޓޮޓްނަމް ހޮޓްސްޕަރ އިން މެންޗެސްޓަރ ސިޓީ ސަވީނިއޯ ގަނެފިއެވެ.

ބްރެޒިލް އަށް އުފަން ސަވީނިއޯ ޓޮޓްނަމް އިން ގަނެފައިވަނީ 75 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އިތުރު 10 މިލިއަން ޕައުންޑް އެޑްއޮންގެ ގޮތުގައި ވަނީ ހިމަނާފައެވެ.

ސަވީނިއޯ ގަތުމާއެކު މި ސީޒަނަށް ޓޮޓްނަމް އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމަށް އެ ކުލަބުން ހޭދަކުރި އަދަދު ވަނީ 409.23 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ޓޮޓްނަމުން ނިމިގެންދިޔަ ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވެފައިވަނީ އެންމެ ފަހު ވަގުތުގައެވެ.

ޓޮޓްނަމް ގެ ކޯޗު ރޮބާޓޯ ޑެ ޒާބީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ސަވީނިއޯ އެ ކްލަބަށް ސޮއިކޮށްފައިވާ ކަމަށާއި އަދި އޭނާ އަކީ ހުރިހާ ގޮތަކުންވެސް ޓޮޓްނަމް ބޭނުންވާ ސްޓައިލަށް ކުޅުވަން ފަސޭހަވާނެ ކުޅުންތެރިއެއް ކަމަށެވެ.

ބްރެޒިލްގެ އެތްލެޓިކޯ މިނޭރޯ އިން ފުޓްބޯޅަ ހަޔާތް ފެށި ސަވީނިއޯ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ލޮލުގައި އަޅައިގަނެފައިވަނީ 2024 ވަނަ އަހަރު ސްޕެއިންގެ ޖިރޯނާގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ސީޒަނުގައި ޖިރޯނާއަށް ސަވީނިއޯ ކުޅެދިން 41 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހާފައެވެ.

ސަވީނިއޯ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ ވަނީ ސިޓީ އަށް 84 މެޗު ކުޅެދީފައެވެ. އުމުރުން 22 އަހަރުގެ ސަވީނިއޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 13 މެޗު ކުޅެފައެވެ.

ސަވީނިއޯގެ ސޮއި ޓޮޓްނަމް ހޯދިއިރު މީގެ ކުރިން އެ ޓީމުން ވަނީ ސެންޑްރޯ ޓޮނާލީ, މެތިއުސް ފެނާންޑޭޒް, އެންޑީ ރޮބަޓްސަން, މާކޮސް ސެނޭސީގެ އިތުރުން ޔޭން ޕޯލް ވެންހެކޭގެ ސޮއި ހޯދާފައެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޓޮޓްނަމުން ދަނީ މެންޗެސްޓަރ ސިޓީގެ އުމަރު މަރްމޫޝް ހޯދުމަށްވެސް މަޝްވަރާ ކުރަމުންނެވެ.

އައު ސީޒަނުގެ ޕްރިމިއާ ލީގުގައި ޓޮޓްނަމް ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން ޓޮޓްނަމް ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.